ޚަބަރު

ބޫޓްސް ފެއަރގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލައިފި


ޖަރުމަނު ވިލާތުގައި ބާއްވާ މޫދުކުޅިވަރާއި ގުޅޭ ފެއަރއެއްކަމަށްވާ، ބޫޓްސް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއިން ފަށައިފިއެވެ.

ޖަރުމަނު ވިލާތުގެ ޑަސެލްޑޯފްގައި ބާއްވާ އެންމެ ބޮޑު ޑައިވް އަދި ވޯޓަރ ސްޕޯޓްސް ޝޯވ، ބޫޓްސް ފެއަރ ކުރިޔަށްދާނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފެއަރގައި ބައިވެރިވުމަށް ބޭނުންވާ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ކުންފުނިތަކަށް މިފުރުސަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމަޔަށް އެމްއެމްޕީއާރުސީން ވަނީ ހުޅުވާލާފައެވެ. ފެއަރގައި ރާއްޖޭގައި ހިންގާ ރިޒޯޓު، ހޮޓާ، ބޭރުގެ ޤައުމުތަކުގެ ޓްރެވަލް އެޖެންޓްސް، ޓުއަރ އޮޕަރޭޓަރުންނަށް ބައިވެރިވުމަށް ނަގާނީ 1000 ޑޮލަރެވެ. އަދި ސަފާރީ، ގެސްޓް ހައުސް، ޑައިވް އޮޕަރޭޓާޒް އަދި ރާއްޖޭގެ އަމިއްލަ އެޖެންޓުން އަތުން ނަގާނީ 500 ޑޮލަރެވެ.

މިޕީ ދެއްކުމުން ކޮންމެ ކުންފުންޔަކުން 2 ފަރާތަކަށް ފެއަރގައި ބައިވެރިވެވޭނެއެވެ. އަދި ދެމީހުންނަށްވުރެ އިތުރުވާ ކޮންމެ މީހަކަށް 212 ޑޮލަރު ނަގާނެކަމަށް އެމްއެމްޕީއާރުސީން ބުނިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ ބޫޓްސް ފެއަރއަކީ ފަތުރުވެރިކަމާ ގުޅުން ހުރި ކަނޑުގެ އުޅަނދުތަކާއި، ޑައިވް އަދި ވޯޓަރ ސްޕޯޓްސް އިކުއިޕްމަންޓުތައް އުފައްދާ ކުންފުނިތަކާއި، އެކުންފުނިތަކުގެ ޕްރޮޑަކްސްތައް ދައްކާލުމަށާއި، ދުނިޔޭގައި މަޝްހޫރު ވޯޓަރ ސްޕޯޓްސް މަންޒިލްތައް އިޝްތިޚާރުކުރުމަށް ބާއްވާ ފެއަރއެކެވެ.

2018 ވަނަ އަހަރު ބޫޓްސް ފެއަރގައި 68 ޤައުމަކުން 1928 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، 94 ޤައުމަކުން 247 ހާހަށްވުރެ ގިނަ މީހުން ފެއަރއަށް ޒިޔާރަތްކުރިއެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑުވެފައި ރީތިވުމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ޑައިވިން އަދި ވޯޓަރ ސްޕޯޓްސްއަށް ވަރަށް މަޤުބޫލު މަންޒިލެކެވެ.

އަނެއްކޮޅުން ޖަރުމަނު ވިލާތަކީ ރާއްޖެއަށް ޔޫރަޕުން އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ރާއްޖެއަށް ޖަރުމަނު ވިލާތުން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް ވަނީ 2.6 އިންސައްތަ އިތުރުވެފައެވެ.

މިގޮތުން މިމުއްދަތުގެ ތެރޭގައި ޖަރުމަނު ވިލާތުން ރާއްޖެއަށް ވަނީ ނުވަދިހަ ތިން ހާސް ހަސަތޭކަ ސަތާރަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2017 ވަނަ އަހަރު މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ ނުވަދިހަ އެއް ހާސް ދުއިސައްތަ ތިރީސް އަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.