ސިޔާސީ

ވަޒީރުންގެ މާލީ ބަޔާންތައް ހުށަހަޅަން ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ ވަޒީރުންގެ މާލީ ބަޔާން ހުށަހަޅަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ވަކި މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު އެ ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ގޮތަށްވެސް ރައީސް ޞާލިޙު ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މާލީ ބަޔާންތައް އާންމުކުރައްވާނެ ކަމަށް ހޫދު ވިދާޅުވި ނަމަވެސް މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ ކިތައް ވަޒީރުންކަން ހާމައެއް ނުކުރައްވައެވެ. އަދި މާލީ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއްވެސް ވިދާޅެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަން ބަޔާންކޮށް ސަރުކާރުން ނެރެފައިވާ ފޮތުގައި ބުނެފައި ވަނީ، ވެރިން އަދި އެ ބޭފުޅުންގެ ފިރިން ނުވަތަ އަނބިންގެ މާލީ ބަޔާން ހާމަކޮށް، ގަވާއިދުން އެ ބަޔާންތައް ރިވިއު ކުރެވޭނެ ގޮތް ހަމަޖައްސަން ވާނެ ކަމަށެވެ.

މިއީ މިހާތަނަށް ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.