ޚަބަރު

އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާއާއެކު އިންޓެލިޖެންސްގެ ވެރިޔާގެ މަޤާމު ހަވާލުކޮށްފި


ފުލުހުންގެ އިންޓެލިޖެންސް ކުރީގެ ވެރިޔާގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓްކޮށްފިއެވެ.

ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ހަމަޖައްސާފައި މިވަނީ އެނާ ފުލުހުންގެ މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް ކަނޑައަޅާ އެ މަޤާމު އަލުން ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމްކޯޓުން ހުކުމްކުރުމުންނެވެ.

ޙަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ޗީފް ސުޕްރިޑެންޓްގެ ގޮތުގައި އިންޓެލިޖެންސްގެ ވެރިޔާގެ މަޤާމުގައެވެ.

ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދު ވަނީ ޙަމީދު އޭސީޕީ ރޭންކަށް ޕްރޮމޯޓް ކުރިކަމުގެ ލިޔުން މިއަދު އޭނާއާ ހަވާލުކުރައްވާފައެވެ. އަދި ޙަމީދު ކުރިންވެސް ހުންނެވި ސިއްރު ފުލުހުންގެ އިސްވެރިޔާ، ނުވަތަ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ގޮތުގައި ހަމަޖައްސާފައެވެ.

2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ޙަމީދު ވަކިކުރީ ފުލުހުންގެ އެތެރޭގެ މަޢުލޫމާތުތަކެއް ހާމަކުރިކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، އަމުރުކޮށްފައި ވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ޚިލާފަށް ކަމަށާއި ކުރިން އޭނާ ވަކިކުރިއިރު ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.