ޚަބަރު

ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިޒޯޓުގެ 2 ހޮޓަލެއް ރާއްޖޭގައި ހުޅުވަނީ


ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ހޮޓާތައް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ސްޕެއިންގެ މަޝްހޫރު ރިއު ހޮޓެލްސްއިން ބުނާ ގޮތުން، އަންނަ އަހަރު ދ. އަތޮޅުގައި އެކުންފުނީގެ 2 ހޮޓަލެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

1953 ވަނަ އަހަރު ސްޕެއިންގެ ރިއު ނަމަކަށް އާއިލާއިން ޤާއިމްކުރި ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއަކީ ޖަރުމަނުވިލާތުގެ މަޝްހޫރު ފަތުރުވެރިކަމުގެ ގްރޫޕެއްކަމަށްވާ ޓީ.ޔޫ.އައިގެ ދަށުން މިހާރު ހިންގާ ކުންފުންޏެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިއު ހޮޓެލްސްއިން ރިސޯޓާއި ހޮޓާ ހިންގަމުންދާއިރު ރާއްޖޭގައިވެސް ހޮޓާ ހުޅުވުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. މިގޮތުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަސްތަރީގެ ހޮޓަލެއްކަމަށްވާ "ހޮޓެލް ރިއު ޕެލެސް މޯލްޑިވާސް" އަދި ހަތަރު ތަރީގެ ހޮޓަލެއްކަމަށްވާ "ރިއު އެޓޯލް" ދ އަތޮޅުގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ހޮޓާވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދ.އަތޮޅު ކެދިގަނޑުގައެވެ.

މިރަށުގައި ތަރައްޤީކުރާ ދެ ހޮޓަލުގެ ތެރެއިން "ދަ ރިއު ޕެލެސް މޯލްޑިވާސް"އަކީ ސީދާ ބީޗަށް ފެބޭގޮތަށް ހުންނަ ވިލާތަކެއް ހިމެނޭ ހޮޓަލެކެވެ. މިތަނުގައި 176 ކޮޓަރި ހުންނާނެއެވެ. "ރިއު އެޓޯލް"ގެ ރޫމްތަކުން ގޮޑުދޮށް ފެންނަން ހުންނައިރު މިތަނުގައި 264 ކޮޓަރި ހުރެއެވެ. މިދެ ހޮޓަލުގައިވެސް ގެސްޓުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތައް ލިބެން ހުންނާނެއެވެ. އަދި ހޮޓާތަކުގައި އިންފިނިޓީ ޕޫލްތައް ހިމެނޭ ގޮތަށް ތަފާތު ޚިދުމަތްތައް ލިބެން ހުންނާނެއެވެ.

ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ބުނީ ރާއްޖޭގައި ތަރައްޤީކުރާ ދެ ހޮޓާ ތަރައްޤީކުރުމަށް 140 މިލިއަން ޔޫރޯ ހަރަދުވާނެކަމަށެވެ.

ރިއު ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުނީގެ ހޮޓަލާއި ރިސޯޓްތައް ސްޕެއިންގެ އިތުރުން ޕޯޗުގަލް، އަޔަލޭންޑް، ޖާރމަނީ، ބަލްގޭރިޔާ، ތުރުކީ، ތޫނިސް، މޮރޮކޯ، އެމެރިކާ، މެކްސިކޯ، ޖަމައިކާ، ބަހާމާސް، އަރޫބާ، ކޮސްޓާ ރިކާ، ޑޮމިނިކަން ރިޕަބްލިކް، ޕަނާމާ، ކޭޕް ވާރޑޭ، މޮރިޝަސް، ސެއިންޓް މާރޓިން އަދި ސްރީ ލަންކާފަދަ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލްތަކުގައި ދަނީ ހިންގަމުންނެވެ.

ހޮޓަލާއި ރިސޯޓް ހިމެނޭގޮތަށް 92 ތަނެއް 19 ޤައުމެއްގައި ރިއުއިން އޮޕަރޭޓްކުރާއިރު މިތަންތަނަށް އަހަރަކު 4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރެއެވެ.