ސިޔާސީ

ރައީސްގެ ވައުދާ އެއްގޮތަށް ޕެންޝަނުން ހައްޖަށް ދެވޭގޮތް ހަދަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުގެ ތެރެއިން ޕެންޝަން ފަންޑުން ހައްޖަށް ދެވޭގޮތަށް ސަރުކާރުގެ ފަރާތުން ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. އަސްލަމް ހުށަހަޅުއްވާފައިވަނީ ޕެންޝަން ފަންޑުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވޭނެގޮތް ހެދުމާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ދެހާސް ރުފިޔާ ފަސްހާސް ރުފިޔާއަށް ބަދަލުކުރުމަށެވެ.

މި އިސްލާހު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، ޕެންޝަނާބެހޭ ޤާނޫނަށް ގެނެވޭ ބަދަލާއެކު ޕެންޝަން ސްކީމުގައިވާ ފައިސާއިން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

"މިގޮތުން ފައިސާ ދެއްކޭއިރު ޕެންޝަން ސްކީމުގެ ދަށުން 50 އިންސައްތައިގެ އަދަދަށް ފައިސާ ދައްކާގޮތަށް ހަމަޖެހިގެން މިދަނީ. ޕެންޝަނުގެ ގާނޫނަށް އިތުރު އިސްލާހުތައް ވެސް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ. ރިޓަޔާކުރާ ފަރާތްތަކަށް ވަކި މިންވަރަކަށް ގަނޑުކޮށް ފައިސާ ލިބޭނެ ގޮތަށް ވެސް ހަމަޖެއްސެވުމަށް ރައީސް އެބަ މަސައްކަތް ކުރައްވާ." އެމްޑީޕީ ޕާލެމަންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވިއެވެ.

މި އިސްލާހަށް ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، ޕެންޝަން ޤާނޫނު އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު އިންސާފުވެރިކަމާއެކު ޕެންޝަން ލިބޭނެ އުސޫލެއް ކަނޑައެޅިގެން ކަމަށެވެ. އަދި އޭގެ ތެރެއިން ވަޒީފާ އަދާނުކުރާ ފަރާތްތައްވެސް ހިމަނައި ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭން ފެށުނުކަން ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ޕެންޝަން ސްކީމް ވާންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް ފަންޑުކޮށްގެން ހިންގަންޖެހޭ އެއްޗަކަށް. އެހެން ނޫންނަމަ މި ސްކީމް ދެމިގެންނުދާނެ. ފެނިގެން މިދިޔައީ ޕެންޝަން ޤާނޫނު ތައާރަފްކުރުމަށްފަހުވެސް މީގެ މަޤްސަދާ ހިލާފަށް ވޭތުވެދިޔަ އަހަރުތަކުގައި އަދި ވޭތުވެދިޔަ 10 އަހަރުވެސް އަމަލުކުރަމުންދިޔަ މަންޒަރު." ޝަރީފް ވިދާޅުވިއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން މި އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޕެންޝަން ސްކީމަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ އިސްލާހާއެކު ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ ފައިސާއާއި މަތީ ތައުލީމު އަދި ގެދޮރު ބިނާކުރުމަށް ބޭނުންވާނަމަ އެ ފަރާތްތަކަށްވެސް ޕެންޝަން ސްކީމުން ފައިސާ ނެގެންޖެހޭނެ ކަމަށް މުބީން ވިދާޅުވިއެވެ.

"ހަމައެކަނި ހައްޖަށްދާން އިންތިޒާމްކޮށްގެން ފަރުޖެއްސޭކަށެއް ނެތް. އަޅުގަނޑު ހިތަށް އަރަނީ ކީއްވެގެންބާއޭ ބޮޑެތި ބަލިތަކަށް މިސާލަކަށް ކިޑްނީ ބަދަލުކުރުން ފަދަ ބަލިތަކަށް. މުސްކުޅިވީމަ އެކަންޏެއް ނޫން ދެއްތޯ މިފައިސާ ގެދޮރު އިމާރާތް ކުރަން ނަގަންވީ." މުބީން ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކޮށް ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ އިސްލާހަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. ޕެންޝަން ސްކީމަށް މިހާތަނަށް ވަނީ އެގާރަ ބިލިއަން ރުފިޔާ އެއްކުރެވިފައެވެ.