ޚަބަރު

މަސްވެރިން ފީނުމުގައި ސަމާލުކަންދޭންވީ ކަންކަން ކިޔައިދީފި


މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީ މަސްވެރިންނަށް ރައްކާތެރިކަމާއެކު ފުނަށް ފީނުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ އެކި ދޯނިތަކުން މަހަށް ދާ މަސްވެރިން ވަނީ ބައިވެރިވެފައެވެ. ފަހަކަށްއައިސް އެން ދެމުމަށްޓަކައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި އެންމެ ފަހުން ހިނގި އެފަދަ ހާދިސާގައިވެސް މަރުވެފައިވަނީ ހުވަދު އަތޮޅުގެ މީހެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން، މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި، ވިލާ ކޮލްޖުގެ މެރިން ފެކަލްޓީގެ ފައުންޑަރ، އަދި ޕަޑީގެ ކޯސް ޑައިރެކްޓަރ ޙުސައިން ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔައިދީފައިވަނީ ފުނަށް ފީނުމުގައި ހޭލުންތެރިވާން ޖެހޭ ކަންކަމާއި، ފީނަން ގޮސް އުޅެނިކޮށް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ކަންތައް ކުރަންވީ ގޮތްތަކާއި، ފީނުމުގެ ތެރޭގައި ލިބިދާނެ އަނިޔާތަކުން ސަލާމަތްވާނެ ގޮތްތަކެވެ.

"ލީގަލް ރެސްޕޯންސިބިލިޓީ އެންޑް ރިސްކް މެނޭޖްމަންޓު މައިގަނޑު ގޮތެއްގަ. އެ ބުނާ އެއްޗަކީ ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޒިންމާ އިހުމާލުވާން ނުޖެހޭ ކަންތައްތަކެއް އެބަހުރި އެކި މީހުންތަކަށް. ޑައިވިނަށް ދާ މީހާ، އެ ޑައިވިން އޮފަރ ކުރާ މީހާ. ކޮންމެ މީހެއްގެވެސް ރެސްޕޯންސިބިލިޓީއެއް އެބައޮތް. އޭތި ސާފުކޮށްދިނީ. ދެން ދެވަނަ ސެޝަނުގައި ރިސްކް މެނޭޖް ކުރުން. އެ ވޯކްޝޮޕްގަ މި ކިޔައިދިނީ މީހަކަށް ކަމެއް ވީމަ ދެން ކުރެވޭނެ ކަންތައްތައް،" 30 އަހަރަށްވުރެ ގިނަ ދުވަހު ޑައިވްކޮށް މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ޕަޑީ އިންސްޓްރަކްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ގެމަނަފުށީގައި ކަމަށްވާއިރު، މި ހަރަކާތަކީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.