ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ އިންތިޚާބުގައި ޕީޕީއެމުން ތާޢީދުކުރާނެކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާޒު ރަޝީދަށް ޕީޕީއެމުން ތާޢީދުކުރާނެކަން އިޢުލާންކުރިއިރު، އޭނާވަނީ މިދިޔަ މަހުގެ 30 ވަނަދުވަހު ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމުން ވިލިފުށީ ދާއިރާއަށް ކުރިމަތި ނުލާނެކަމަށާއި ތާޢީދު ކުރާނީ މިހާރުވެސް އެދާއިރާގެ މެންބަރު ރިޔާޒް ރަޝީދަށް ކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު ވަނީ ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމްއާއި އެ ޕާޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ރައީސް ޔާމީން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރިއިރު ޕީޕީއެމުން ބޭއްވި މުޒާހަރާގައި ރިޔާޒު ރަޝީދު ވަނީ ބައިވެރިވެޑައިގެންފައެވެ.
ޕީޕީއެމުން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީ ތަމްސީލުކުރާ އިތުރު 13 ދާއިރާއެއް ކަނޑައަޅައި އެދާއިރާތަކަށް ކުރިމަތިލުމަށް މެމްބަރުންނާ ޓިކެޓް ހަވާލުކޮށްފައެވެ.
މިއަދު ޕީޕީއެމުން ޓިކެޓް ދީފައިވަނީ ދިއްދޫ ދާއިރާ، ކުޅުދުއްފުށީ ދެކުނު ދާއިރާ، އިހަވަންދޫ ދާއިރާ، ކޮމަންޑޫ ދާއިރާ، ކަނޑިތީމު ދާއިރާ، ތުޅާދޫ ދާއިރާ، ދާންދޫ ދާއިރާ، އިސްދޫ ދާއިރާ، މަރަދޫ ދާއިރާ، އައްޑޫ މީދޫ ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާގެ އިތުރުން ހިތަދޫ އުތުރު ދާއިރާއަށެވެ.
ޕީޕީއެމުން ވަނީ މީގެ ކުރިން ޖުމްލަ 42 މެމްބަރަކަށް ޓިކެޓް ދީފައެވެ. އެހެންކަމުން މިއަދު ޓިކެޓްދިން 13 ދާއިރާއާއިއެކު ޖުމްލަ 55 ދާއިރާގެ ޓިކެޓް ޕީޕީއެމުން މިހަރުވަނީ އެޕާޓީގެ ނަމުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މެމްބަރުންނަށް ދީފައެވެ.