ޚަބަރު

20 ރަށުގެ ނަރުދަމާގެ މަޝްރޫއު ހުއްޓާލަން ނިންމީ ކުންފުނި ބަނގުރޫޓުވެދާނެތީ- ފެނަކަ


ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފެނަކަ މެދުވެރިކޮށް ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ޙަވާލުކޮށްފައިވާ 20 ރަށެއްގެ މަސައްކަތް ހުއްޓާލަން ނިންމީ މާލީ ގޮތުން މިފަދަ ބޮޑު މަޝްރޫއެއް ހިންގައިފިނަމަ ކުންފުނި ބަނގުރޫޓު ވެދާނެތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

20 ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ 31 ވަނަދުވަހު ކުރީގެ ސަރުކާރުން ހަވާލުކޮށް ފައިވަނީ ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑާ"އެވެ. އެ ކުންފުންޏާ އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ދޮޅުއަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަސައްކަތުގެ އަގަކީ ފަންސާސް ތިން މިލިއަން އެމެރިކާ ޑޮލަރު ނުވަތަ އަށް ސަތޭކަ ފަސްދޮޅަސް ހަ މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުތައް ހުއްޓާލުމަށް އޭސީސީން ފެނަކައަށް އެންގުމާ ގުޅިގެން މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެމުން އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މިފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ކުރެވި، އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ މާލީ ޤާބިލްކަން ނެތް ކުންފުންޏަކަށްވާއިރު، އެ މަޝްރޫއު ހިންގައިގެން ދެމެހެއްޓެނިވި ފައިދާއެއް އެ ކުންފުންޏަށް ނުކުރާނެ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައަކީ މާލީގޮތުން ދަތި ހާލަތެއްގައި އޮތް ކުންފުންޏަކަށްވާއިރު، މިފަދަ ބޮޑު ލޯނެއް މި ހާލަތުގައި އެ ކުންފުނީގެ ނަމުގައި ނަގައިފިނަމަ، ކުންފުންޏަށް ފައިދާކުރާނެ ޕްރޮޖެކްޓްތައް ކުރިއަށް އޮތްތަނުގައި ހިންގުމަށް "އެކްސްޓަރނަލް ފައިނޭންސް" ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

20 ރަށުގެ ނަރުދަމާ ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫއާ ގުޅޭ އެންމެހާ ކަންކަން ބާޠިލްކުރުމަށް ރައީސް އޮފީހާއި، ފިނޭންސ މިނިސްޓްރީއަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އަންގާފައިވާތީ، އެ އެންގުމަށް ފެނަކަ އިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް އެ ކުންފުނިން ބުނެއެވެ.