ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ބޭނުންކުރުމަށް ނިންމާފައިވާ ކުލައަކީ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ބޭނުންކުރާ ކުލަ ކަމަށާއި އެ ކުލަ ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީކޮށް ނުދެވޭނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީން ބޭނުންކުރާނެ ކުލައަކީ "ޓާކިޝް ބުލޫ" ކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ރަސްމީކޮށް ބޭނުން ކުރާ ކުލައެއް ނުވަތަ އެކުލައިގެ ޝޭޑެއް އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ބޭނުންކުރާ ކުލައަކީ ޓާކިޝް ބްލޫ ކަމަށް ނިހާން ވިދާޅުވިއިރު، އިލެކްޝަނުން ބޭނުންކުރާ ރަސްމީ ޓީޝާޓްގެ ކުލައަކީވެސް ޓާކިޝް ބްލޫއެވެ.