ވިޔަފާރި

ގެސްޓްހައުސް މަހާސިންތާ - ގެސްޓް ހައުސް ވިޔަފާރިވެރިންނަށް އުއްމީދެއް ލިބިއްޖެ



ރާއްޖޭގައި ފުރަތަމަފަހަރަށް ކުރިއަށްގެންދިޔަ ގެސްޓްހައުސް މަހާސިންތާ ކާމިޔާބުކަމާއިއެކު ނިންމާލާފައިވާއިރު، މިފަދަ މަހާސިންތާތަކުގެ ގެސްޓްހައުސް ވިޔަފާރިއާއި، ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިއަށް ކުރިމަތިވެފައިހުރި ގޮންޖެހުންތައް ހައްލުވެގެން ދިއުމުގެ އުއްމީދު ބޮޑުކަމަށް މަހާސިންތާގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފައެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ގެސްޓް ހައުސް މަހާސިންތާގައި މި ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކާބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަހާސިންތާގައި ގެސްޓްހައުސް ވިޔަފާރިން ނަގާ ޓެކްސްތަކުގެ ސަބަބުން މި ވިޔަފާރިއަށް ހުރި ގޮންޖެހުންތަކާއި، ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި، ރަށްރަށުގައި ވަކި ބީޗްތައް ހެދުމާއި، ގެސްޓް ހައުސް ވިޔަފާރިތަށް ފުޅާކުރުމަށް ލޯނު ލިބުމުގައި ހުރި ދަތިތަކާއި، ރަށްރަށުގައި ބޭންކް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއިމެދު ވަނީ ވާހަކަދައްކާފައެވެ.

މީގެ އިތުރުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އިތުރުންވެސް ދިމާވާ މައްސަލަތަކާއިމެދު މި މަހާސިންތާގައި ވަރަށް ތަފްސީލްކޮށް ވަނީ ވާހަކަދައްކާފައެވެ.
މިގޮތުން މިއީ ވަރަށް މުހިންމު މަހާސިންތާއެއްކަމަށް މި މަހާސިންތާގައި ބައިވެރިވި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން މި ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މަހާސިންތާގައި ގެސްޓްހައުސް ވިޔަފާރިތަކާއި ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. މިގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، އިކޮނޮމިކް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެސޯސިއޭޝަންތަކާ އެންޖީއޯތަކުގެ އޮފިޝަލުން ބައިވެރިވެ، ގެސްޓްހައުސް ވިޔަފާރި ކުރާ މީހުންގެ ސުވާލުތަކަށް އެފަރާތްތަކުން ވަނީ ޖަވާބުދީފައެވެ.

ދަތުރުފަތުރުގެ ނިޒަމުގެ ދަތިތަކާ ހުރެ ގެސްޓް ހައުސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހިދާޔާ ނަސީރު ވިދާޅުވީ، އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން އެތެރޭގެ އުދުހުންތަކުގެ އަގުތަށް ދަށްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ދިވެހިންނާއި، ޓުއަރިސްޓުންނާއި ތަފާތުކުރުމެއް ނެތި ރަނގަޅު އަގުތަކެއް ވަރަށް އަވަހަށް އިއުލާންކުރާނަންކަމަށެވެ.

ރެޖިސްޓްރާ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް ވަނީ ބައެއް ޤަވާއިދުތައް ނެތުމުން ގެސްޓް ހައުސް ވިޔަފާރިކުރާ މީހުންނަށް ހުރި ދަތިތަކަށް ހައްލު ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

މި މަހާސިންތާގައި ގެސްޓް ހައުސް ވިޔަފާރިވެރިން ވަނީ އެމީހުންގެ ވިޔަފާރިތައް ބޭރުގައި ޕްރޮމޯޓްކުރުމުގައި ހުރި ދަތިތަކުގެ ވާހަކަވެސް ދައްކާފައެވެ. މިކަމާއި ގުޅޭގޮތުން އެމްއެމްޕީއާރުސީ މެނޭޖިންގ ޑިރެކްޓަރު ޠޮއްޔިބު މުޚައްމަދު ވިދާޅުވީ، ގެސްޓް ހައުސްތައް ޕްރޮމޯޓްކުރުމަށް އެކަށީގެންވާ ޕްލޭނެއް އެކުލަވާލުމަށްޓަކައި މުޅި ރާއްޖެ ހިމެނޭހެން ވޯކް ޝޮޕެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށެވެ.

"މި ސިންޕޯޒިއަމްގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ރަގަނޅު މައުލޫމަތުތަކެއް ލިބިގެންދިޔަ. އަދި މިފަދަ ސިންޕޯޒިއަމެއް ބޭއްވުން އެއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް" މަހާސިންތާގައި ބައިވެރިވި ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

" އަޅުގަނޑުމެން އުންމީދުކުރަނީ މީގެ ސަބަބުން ގެސްޓް ހައުސް ހިންގާ މުޖުތަމައުތަކުގެ ރައްޔިތުންނަށް އެއިން އެންމެ އެކަށީގެން ވާގޮތުގައި ފައިދާ ލިބުން އެއީ އުންމީދެއް. މި މަހާސިންތާއަކީ އަޅުގަނޑުމެން މިކުރާ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއް. މިތަނުގައި ވާހަކަދެކެވުނު ކަންތައްތަކުގައި ވަރަށް ޕޮޒިޓިވް ހިޔާލުތަކެއް ވަނީ ހުށަހެޅިފަ" ގެސްޓްހައުސް ހިންގާ އިތުރު ވިޔަފާރިވެރިއަކު ފާހަގަކުރިއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ބުނީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ގެސްޓް ހައުސް ސިންޕޯސިއަމްގައި ބައިވެރިވި ފަރާތްތަކުން ހިއްސާކުރި މައުލޫމަތު ޓުއަރިޒަމް މާސްޓަރ ޕްލޭން އެކުލަވަލުމުގައި ބޭނުންކުރާނެކަމަށެވެ.
ދަރުބާރުގޭގައި އެއް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް 2018 ގައި ގެސްޓްހައުސް ވިޔަފާރިކުރާ 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މިއީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަކޮށްގެން މަހާސިންތާއެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.