ޚަބަރު

ހަޔަރ އެޑިއުކޭޝަން ދާއިރާއިރާގެ 3 ވައުދެއް ފުއްދައިފި


ހަޔަރ އެޑިއުކޭޝަން ދާއިރާއިން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދުމަށް ހަމަޖެހިފައިވާ ވަޢުދުތަކުގެ ތެރެއިން 3 ވައުދެއް ފުއްދައިފިއެވެ.

މި ވަޢުދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ލޯނު ސްކީމްގެ އިންޓްރަސްޓް ރޭޓް ދަށްކުރުމާއި، ހައިއެޗީވާސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކުރުމާއި ޖީސީއީ އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުން އިޚްތިޔާރުކުރާ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީ ޙާސިލް ކުރުމަށް ސްކޮލާޝިޕް ދޭންފެށުންއެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ހަޔައެޑިއުކެޝަން މިނިސްޓްރީން ފުއްދުމަށް ނިންމާފައިވާ ވަޢުދުތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ އެމިނިސްޓްރީން ފުއްދުމަށް ހަމަޖެހިފައިވާ ހުރިހާ ވައުދުތަކެއް ފުއްދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

މިގޮތުން މިހާރުވެސް ސަރުކާރުގެ ފުރަތަމަ 30 ދުވަހު ފުއްދުމަށް ހަމަޖެހިފައިވާ 3 ވައުދެއް ފުއްދާފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖީސީއީ އޭލެވަލްއިން އެއްވަނަ ހޯދާ ދަރިވަރުން އިޚްތިޔާރުކުރާ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީ ޙާސިލް ކުރުމަށް ސްކޮލަރޝިޕް ދޭން ފަށާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މިކަމަށް ޚާއްސަ އުސޫލެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިޙްގެ މިވައުދު ފުރިހަމަ ކުރުމުގެ ގޮތުން ޖީސީއީ އޭލެވަލްއިން އެއްވަނަ ހޯދާ ދަރިވަރުން އިޚްތިޔާރުކުރާ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީ ޙާސިލް ކުރުމުގެ ފުރުޞަތު އަންނަ އަހަރު ހުޅުވާލައްވާނެކަމަށެވެ.

"
އޭލެވެލްއިން އެއްވަނަ އަށް ދާ ކުދިން އިޢުލާން ކުރުމާއެކު އެކުދިންނަށް ސްކޮލަރޝިޕް ދިނުމުގެ ކަންތައް ކުރިއަށް ގެންދާނެ. ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދެނީ 5 މާއްދާއިން އޭ ސްޓަރސް ހޯދައި ކުދިންނަށް
މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން

ސްޓޫޑެންޓް ލޯންގެ އިންޓްރަސްޓް ކުޑަކުރުމުގެ ވަޢުދަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ކުރިން ފަހެއް އިންސައްތައިގައި ހުރިނަމަވެސް އަލަށް އެކުލަވާލި އުސޫލްގެ ދަށުން މިހާރު އިންޓްރަސްޓް ތިނެއް އިންސައްތައަށް ކުޑަކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ލޯނަށް އެދި ހުށަހެޅި ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ޢަމަލުކުރަމުންދާނީ މި އުސޫލްގެ ދަށުންކަމަށެވެ. ސްޓޫޑެންޓް ލޯންގެ ގޮތުގައި ނަގާފައިވާ ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފައި ވާކަމަށާ ކުރިން އެންމެ ބޮޑެތެ ޢަދަދުތަކަށް ލޯނުދައްކަން 15 އަހަރު ކަނޑައަޅާފައިވާއިރު އާ އުސޫލްގެ ދަށުން މި މުއްދަތު 20 އަހަރަށް ދިގުދެމިގެންދާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ހަޔަރ އެޑިއުކެޝަން މިނިސްޓަރ ވިދާޅުވީ މިހާރު ސްޓޫޑެންޓް ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެގޮތަށް ރިވިއުކުރުމަށްފަހު ރީ-ސްޓަރަކްޗަރ ކޮށްފައިވާކަމަށެވެ.

"މިއީ ބޭންކް މުޢާމަލާތްތަކުގައި ބޭނުންކުރާ އިންޓްރަސްޓްއެއްނޫން. އިންޓްރަސްޓްރޭޓް ކަނޑައަޅފައިވަނީ އެކި ކަންތައްތަކަށް ބިނާކޮށް އެޑްމިނިސްޓްރޭޝަން ޗާރޖްގެ ގޮތުގައި ކުރިން ނެގީ %5. މިހާރުއިންޓްރަސްޓް ގެ ގޮތުގައި %3. ލޯން ދައްކާ ފަރާތްތަކަށް ތަކުލީފު ކުޑަވެގެންދާނެ. މިގޮތުން ކުރިން ދަރިވަރުން ލޯން ނަގާފައިވަނީ ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް.އެހެންކަމުން ބޭންކާއި ސަރުކާރާ މަޝްވަރާކޮށް އައު ޝެޑިއުލްއަށް އެފަރާތްތަކުގެ އެހީތެރިކަން ލިބިފައިވޭ" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދާފައިވާ އަނެއް ވައުދުގެ ގޮތުގައި، ހައިއެޗްވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ޤައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު ޔުނިވަރސިޓީތަކުންކިޔެވޭ ސްކީމަކަށް ވަނީ ހަދާފައެވެ.

މިގޮތުން ރާއްޖޭގެ ދަރިވަރުންގެ ގިނަ ދަރިވަރުން އޯ.އީ.ސީ.ޑީ ޤައުމުތަކުން ކިޔަވަން ބޭނުންވާކަން ފާހަގަކުރައްވައި ހަޔަރ އެޑިއުކެޝަން މިނިސްޓރ ވިދާޅުވީ އެންމެ ގިނައިން ދިވެހި ދަރިވަރުން ދާންބޭނުންވަނީ އޮސްޓްރޭލިއާ، ނިއުޒިލެންޑް، އިނގިރޭސިވިލާތް ފިންލެންޑް ފަދަ ޤައުމުތަކަށް ކަމަށެވެ. އަދި މި ޤައުމުތަކަށް ކިޔަވަން ދިޔުމުގެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިން ހައިއެޗީވާރސް ސްކޮލަރޝިޕް ސްކީމްގައި ކިޔަވަންދާން ކުދިންނަށް އޯ.އީ.ސީ.ޑީ ގައުމުތަކުން ކިޔެވުމުގެ ފުރުޞަތެއް ނުލިބޭ. މިގޮތުން ވަރަށް ގިނަ ކުދިން އޯ.އީ.ސީ.ޑީ ޤައުމުތަކުން ކިޔަވަން ބޭނުންވޭ. ހައިއެޗީވާރސް އެންޑް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ތަފާތަކީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްއަށް ކުދިން ހޮވާނީ އެ މިނިސްޓްރީން ވާހަކަދެކެވިގެން ނަމަވެސް ހައިއެޗީވާރސް ސްކޮލަރޝިޕަށް ކުދިން ހޮވާނީ އިޢުލާންކޯށް ހޮވޭ ފަރާތްތަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް 6 ވަޢުދެއްވަނީ ވެފައެވެ. މިހާރު ތިން ވަޢުދެއް މިވަނީ ފުއްދާފައެއެވެ.

މީގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓެއް ރާއްޖޭގައި ހިންގުމަށްވެސްވަނީ ހަމަޖައްސާފައެވެ.