ސަރުކާރުގެ އެކި ވުޒާރާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށް މިއަހަރު އެއިދާރާތަކުން ފައިސާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު ނެރެމުންދާ މާލީ ރިޕޯޓުތަކުގެތެރެއިން މިހަފްތާގެ ރިޕޯޓުން ދައްކާގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް މިއަހަރު ދީފައިވަނީ 1.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ އިދާރާއިން ވަނީ ބަޖެޓުގެ އިތުރަށް 684 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ރިޕޯޓުގައި ދައުލަތުގެ އެކި ވުޒާރާތަކުން ބަޖެޓުގެ ބޭރުންކޮށްފައިވާ ޚަރަދުތައް ވަނީ ތަފްސީލީގޮތެއްގައި ހިމަނާފައެވެ. އެގޮތުން ރައީސް އޮފީހުންވެސް ވަނީ ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 27.1 މިލިއަން ރުފިޔާ އިތުރަށް ކަރަދުކޮށްފައެވެ. ރައީސް އޮފީހުގެ ޚަރަދަކީ 135 މިލިއަން ރުފިޔާއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް މިއަހަރަށް ބޮޑު ބަޖެޓެއް ދީފައިވީ ނަމަވެސް އެ އިދާރާއިން ވަނީ ބަޖެޓުގެ އިތުރަށް 28.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ހައުސިންގ މިނިސްޓްރީން 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން 2.9 ބިލިއަން ރުފިޔާ އަދި ހެލްތް މިނިސްޓްރީން 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަލާމަތީ ބާރުތަކުންވެސް ވަނީ ދޫކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައެވެ. އެގޮތުން އެމްއެންޑީއެފަށް 1.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާއިރު އެތަނުން ވަނީ 147.8 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައެވެ. އަދި ފުލުހުންގެ އިދާރާއިން ވަނީ 1.3 ބިލިއަން ރުފިޔާ ހަމަޖެއްސިއިރު އެ އަދަދަށްވުރެ 77.3 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ 48 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައެވެ. މީގެ އިތުރުން ދައުލަތުގެ ޓެކްސްއާ ބެހޭ ވުޒާރާ މީރާއިންވެސް ވަނީ 17.4 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައެވެ.
މިއަހަރުގެ ފަހު ހަފުތާގައި ފިނޭންސް މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ހޭދަވަނީ 24.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް ޚަރަދުކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅާފައި ވަނީ 24.8 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާތަނާށް ދައުލަތުގެ އާމްދަނީއަކީ 20.5 ބިލިއަން ރުފިޔާއެވެ.