ވިޔަފާރި

3000 އަށްވުރެ ގިނަ މީހުން ޓަޗް ލިންކް ކާޑު ގަނެފި


މާލެއާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދުގެ ބަސް ދަތުރު ކުރުމަށް ބޭނުންކުރާ ޓަޗް ލިންކް ކާޑު މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން ގަނެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ބުނެފިއެވެ.

އެމް.ޕީ.އެލްއިން ބުނީ މިހާތަނަށް ތިން ހާހަށްވުރެ ގިނަ މީހުން ޓަޗް ލިންކް ކާޑު ގަނެފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި އަދަދު ވަރަށް ބޮޑަށް އިތުރު ވެގެންދާނެކަމަށެވެ. އަދި ކާޑުގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާއިރު ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.

" އަޅުގަނޑުމެން ވިސްނުން މިގެންގުޅެނީ ޓިކެޓް ވިއްކުމާއި ރީލޯޑު ކުރުމާއި ކަންކަން އޭޖެންޓުންނަށް ދޫކުރަން. އެކަންކަން ހަމަޖެހިފައި ނެތީމަ ކޮންމެވެސް ވަރެއްގެ ގޮންޖެހުން ތަކެއް އެބަހުރި. ދަތި ކަމެއްނެތި ކޮންމެ ބަސް ސްޓޮޕަކުންވެސް ބަހަށް އެރޭނެ އިންތިޒާމް ބޭނުންވޭ. އެކަންތައްތަކަށް ހައްލެއް ހޯދާ ދަތުރުކުރާ ބޭފުޅުންނަށް ކޮންމެ ބަސް ސްޓޮޕަކުންވެސް އެޅޭނެ އިންތިޒާމް ހަމަޖައްސާނަން" ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޕީއެލް ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބް ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ ޓަޗް ލިންކް ކާޑަށް ޚާއްސަކޮށްގެން ތަފާތު ޕެކޭޖްތަކަކާއިއެކު އެޕްލިކޭޝަނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެޕްލިކޭޝަން މެދުވެރިކޮށް ކާޑު ރީޗާޖުކުރުމުގެ އިތުރުން، ބަސް އޮންނަ ސަރަޙައްދުތައްވެސް ބަލާލެވޭނެކަމަށް މަހްޖޫބް ވިދާޅުވިއެވެ.

"ކާޑު ބޭނުން ކޮށްގެން ޕެކޭޖްތަކެއް ތަޢާރަފް ކުރާނެ. ސީޒަން ޓިކެޓު ގޮތަށާއި...އޭރަށް ކަސްޓަމަރުންނަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ގޮތަކަށް އަޅުގަނޑުމެން ރާވާނަން. މިހާރުވެސް އާންމުންނާއި ވަކި ބަސްތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް..އާއިލާއާއި އެއްކޮށް ދަތުރެއް ކޮށްލަން ވިޔަސް އަޅުގަނޑުމެންނަށް (ބަސް) ދޫކުރެވޭނެ" މަޙްޖޫބް ވިދާޅުވިއެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދުގައި ކުރާ ބަސް ދަތުރުތަކަށް ފައިސާ ނަގަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. އަދި ބަސް ދަތުރަށް ފައިސާ ދެއްކޭނީ ހަމައެކަނި ޓަޗް ލިންކް ކާޑު ބޭނުންކޮށްގެންކަމަށް އެމްޕީއެލްއިން ބުނެއެވެ. ކޮންމެ ބަސް ދަތުރަކަށް 10 ރުފިޔާ ނަގަން ފަށާފައިވާއިރު، ކުޑަކުދިންނާއި ސްކޫލް ކުދިންގެ އަތުން ފައިސާ ނުނެގުމަށް ވަނީ ނިންމާފައެވެ.

މާލެއިން ހުޅުމާލެ އަދި ހުޅުލެއަށް އެމްޕީއެލްގެ ބަހުގެ ޚިދުމަތް ފެށިފަހުން ދުވާލަކު ފަސް ހާހަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ބޭނުންކުރަމުން އަންނަކަމަށް އެމްޕީއެލްއިން ބުނެއެވެ.