މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފުރުގެ މައްޗަށް ކޮށްފައިވާ ތެއްތިރީސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ކުރިއަށްދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަޙްމަދު އަދީބުގެ މައްޗަށް ތެއްތިރީސް އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވަނީ އެމްއެމްޕީއާރުސީގެ މަޝްހޫރު ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގައެވެ. ވަކިވަކިން ކޮށްފައިވާ މިޙުކުމްތައް ތަންފީޒު ކުރުމުގައި އަދީބުވަނީ މިހާތަނަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.
ޖަލުތަކުގެ ކަންކަމަށް ގެނެސްފައިވާ ބަދަލާގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެދަށުން އަދީބުގެ ޙުކުމްތައް ތަންފީޒުކުރުމުގެ ކަންތައްތައް ބަލަހައްޓަމުންދާނެ ކަމަށެވެ. އަދި އަދީބުގެ ސިއްޙީ ޙަލާތު ހުރިގޮތުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރު ދެއްވާފައިވާ ލަފައާއި ލިޔެކިއުމާ އެއްގޮތަށް ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެހެންކަމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަދީބު ގޭބަންދުގައި ބަހައްޓާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހުކުމް ތަންފީޒުކުރުން އެއީ ކަރެކްޝަނަލް ސާވިސްއަށް އޮތް ޒިންމާ. އެހެންވީމަ އެގޮތަށް ތަންފީޒުކުރެވެމުންދާނެ. ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރުގެ ލިޔުމާއި ލަފާގެ މަތިން. ކަނޑައެޅިފައިވާ މުއްދަތަށް އަދީބު ގޭބަންދުގައި ހުންނާނެ.މިނިސްޓަރ އިމްރާން ޢަބްދުﷲ
އަދީބުގެ ކިޑްނީގައި ހިލަ އުފެދި ހަށިގަނޑުގައި ސިސްޓުތަކެއް އުފެދިފައިވާ ކަމަށް އޭރު ޑޮކްޓަރުންނާ ހަވާލާދީ އެމަނިކުފާނުގެ ޢާއިލާންވަނީ ހާމަކޮށްފައެވެ. އަދީބު ވަނީ ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
އެގޮތުން އެޕާޓީގެ އެންމެ ފުރަތަމަ މެންބަރުގެ ގޮތުގައި ޕާޓީއަށް ސޮއިކުރައްވައި، އެޕާޓީގެ ރައީސަކަށް ވެވަޑައިގަތީވެސް އަދީބެވެ. އެހެންނަމަވެސް އޭނާއަށް ޕާޓީގެ އިސް މަޤާމެއް އަދާ ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.