ޖަލުތަކަށް އެކަށީގެން ނުވާވަރަށް އެތަންތަނުގައި ޤައިދީން ގެންގުޅެން ޖެހުމަކީ ޤައިދީންގެ ޙާލަތާއި ޖަލުތަކުގެ ޙާލަތު ދެނެގަތުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެއް ކަމަށް ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓު ނުވަތަ ޖަލުތަކުގެ ޙާލަތު ބަލައި އޮޑިޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓުން، ހަދާ އޯޑިޓާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާޢީލް ވިދާޅުވީ، ކޮމިޝަނަށް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ މީހުން ބަންދުކޮށްފައި ބަހައްޓާ ތަންތަނުގައި އެކަށީގެންވާ ވަރަށްވުރެ މީހުން ގިނަވުން ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ބަޔަކު އެއްތަނެއްގެ ތެރޭގައި ބޭތިއްބުމުގެ ސަބަބުން ސިއްޙީގޮތުން ދިމާވާ ކަންކަމާއި ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ޝަހިންދާ ވިދާޅުވީ، ޖަލުތަކުގައި ގައިދީން ބޭތިއްބުމަށް ގެންގުޅޭ "މަންޑޭލާ ރޫލްސް"އާ، ޚިލާފަށް ގައިދީން ޖަލުތަކުގައި ގެންގުޅޭކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު، ކުރިން އެންގުމަކާ ނުލައި ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުތަކުގެ ޙާލަތު މޮނިޓަރ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޯވަރ ކްރައުޑްވީމަ ތަން މެނޭޖްކުރުމަށް މައްސަލަ އެބައުޅޭ. ތަން މެނޭޖްކުރުމާއި ވަސީލަތްތައް މަދުކަންވެސް ފާހަގަކުރެވޭ. އަޅުގަނޑުމެން މިކަންކަން ހައްލުކުރުމަށް ސަރުކާރަށް ރަނގަޅު ރިކޮމެންޑޭޝަނެއް ދޭނަން." ޝަހިންދާ ވިދާޅުވިއެވެ.
ޝަހިންދާ ވިދާޅުވީ، ޤައިދީންނާ ދޭތެރޭ ޢަމަލުކުރާ އެންމެ އަސާސީ މިންގަނޑުތަކާއި، މިހާރު ޢާމަލުކުރެވޭ އުސޫލުތަކާ ޤަވާޢިދުތަކަށް ބަލާއިރު ފޫނުބެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް. އެހެންކަމުން އެ ކަންކަން ފުރިހަމަކޮށް ހަމަ މަގަށް އެޅުވުމަކީވެސް މުހިންމުކަމެއް ކަމަށް ޝަހިންދާ ވިދާޅުވިއެވެ.
މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން 75 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އޮޑިޓްގައި ޖަލުތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ޤައިދީންނާއި މެދުގައި ކަންކަން ކުރަމުން އަންނަ ގޮތާއި ޖަލުތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ހުރި ނެތްވަރު ވެސް ބަލާނެ ކަމަށް ޖަލުތައް އޮޑިޓް ކުރާ ކޮމެޓީއިން ބުނެއެވެ.
ޖަލުތައް އޯޑިޓް ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.