ކުޅިވަރު

2018ގެ ސީޒަން ހަލާކުވީ ފުޓްބޯޅަ ސިޔާސީ ކުރުމުން - ކުލަބުތައް


މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ހަލާކުވެގެންދިޔައީ ފުޓްބޯޅައިގެ ތެރެއަށް މާބޮޑަށް ސިޔާސީ ކަންތައްތައް ވަދެގެންކަމަށް މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބް އަދި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބް ބުނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ގްރޭޑް ކުރާނަމަ، އޭނާއަށް ދެވޭނީ އެފް ރިޕޯޓެއްކަމަށެވެ. ސަރުކާރުން މާލީ ގޮތުން މިދިޔަ ދެ އަހަރު ކުލަބްތަކަށް އެހީތެރިވިނަމަވެސް އެފްއޭއެމްގެ ދޯހަޅި ސިޔާސަތުގެ ދަށުން ކުލަބްތަށް ދިޔައީ އިދަޖެހެމުންކަމަށް ވައްހާބް ބުންޏެވެ.

އެފްއޭއެމް ސިޔާސީވެ، ޔޫތް މިނިސްޓްރީން ބޭނުންހާ ގޮތަކަށް އެފްއޭއެމުން ކަންތައްތައް ކުރަންޖެހުނުތަން މިދިޔަ އަހަރު ފެނުނުކަމަށާއި ނިމިގެންދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ދިޔައީވެސް އެތައް ފަހަރެއްގެ މަތިން އެކި ބޭނުންތަކައް ގަލޮޅު ދަނޑު ދޫކުރަން ޖެހުމުންކަމަށް ވައްހާބު ފާހަގަކުރިއެވެ.

"އެފްއޭއެމްއަށް މާބޮޑު ބާރެއް އަސްލުގައި ނެތް. ޔޫން މިނިސްޓްރީން ބޭނުން ނުވާގޮތަކަށް އެފްއޭއެމްއަށް އއެއްވެސް ކަމެއް ނުކުރެވޭ. ޔޫތް މިނިސްޓްރީން ބޭނުންވާއިރަށް ދަނޑުވެސް ނަގަނީ. އެއީ ހަމައެކަނި ފުޓްބޯޅަ ކުޅެވެން އޮންނަ ތަނަކީ. އެފްއޭއެމްއަށް އެކަން ހުއްޓުވޭކަށްވެސް ނޯވޭ." ވައްހާބު ބުންޏެވެ

ރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ކޯޗް އަލީ ސުޒޭން ބުނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގައި ކުލަބްތަކުގެ ހިއްސާ މިހާރު އޮތީ ކިހާވަރަކަށް ކަން އެނގެންއެބަޖެހޭކަމަށާއި އެފްއޭއެމްގެ އެގެޒެކެޓިވް ކޮމެޓީއަށް ވަރަށް ގިނަ ފަހަރު ބަދަލްތަކެއް އައިސްފައިވާކަމަށެވެ. ސުޒޭންވެސް ބުނީ އެފްއޭއެމް ވަރަށް ބޮޑަށް ސިޔާސީވެފައިވާކަމަށާއި އެފްއޭއެމްގެ ވަސީލަތްތައް ސިޔާސީ ކަންތައްތަކުގައި ބޭނުން ކުރަމުންދާކަމަށެވެ.

"ފަހަކަށް އައިސް އެފްއޭއެމް އޮތީ ވަރަށް ބޯޑަށް ސިޔާސީވެފަ. އެންމެ ބޮޑަށް އެކަން އެގެނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ވަނީ ހިންގާފަ. ކޮންމެ ގޮތަކަށް ކަންތަށްތަށް ކުރި ކަމުގައިވީނަމަވެސް، އެވަނީ ހަމަ ސިޔާސީ ކަމަކަށް. އަދި އެސޯސިއޭޝަންތަކުގެ ބޭފުޅުންވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޙާބްގައި އަމަލީ ގޮތުން ބައިވެރިވެފަ. މިއީ އަސްލުގައި ކުޅުވަރުން ފެންނަން ބޭނުން ނުވާކަންތަށްތަށް. މިކަމުގެ ސަބަބުން ކުޅިވަރުގައިވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފަ." ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންވެސް ރަގަނޅު ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންނަމަ، ފުޓްބޯޅަ ސިޔާސީނުކޮށް ކުރިއަށް ގެންދަންޖެހޭކަމަށެވެ. އެކަމާއި ދެކޮޅަށް ވާހަކަދައްކާ މިހުންނާއި އެއްވެސް ޒާތީކަމެއް ނުބާއްވައި އެންމެން ގުޅިގެން ފުޓްބޯޅައަށް މަސައްކަތް ކުރަންޖެހޭކަމަށް ސުޒޭން ބުންޏެވެ.