ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ މައްސަލަތައް ބެލުމަށް ހުޅުވާލި ފުރުސަތުގައި 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި، ވަޒީފާ ބަދަލުކުރި މީހުން މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 3ވަނަ ދުވަހެވެ. އަދި އެމައްސަލަތަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއަދުވަނީ އެ މުއްދަތު ހަމަވެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ޙާޞިލްވި މިންވަރާގުޅޭ މަޢުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންތަކެއްގެ ވަޒީފާ ނުޙައްގުން ގެއްލުވާލާފައި އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަށް އެ ފަރާތްތަކަށް އިންސާފު ހޯދައިދީ ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އޭގެ ބަދަލު އެފަރާތްތަކަށް ހޯދައިދިނުން ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މިހާރުވާނީ އިންސާފު ހޯދައިދިނުމުގެ ނިޒާމެއް ކަނޑައަޅާފައި. އަދި އެނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިފަދަ މައްސަލަތައް ނުވަތަ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލެވި 30 ޑިސެމްބަރުގެ ނިޔަލަށް 451 ޝަކުވާއެއް ހުށަހަޅާފައި. މިއީ ވަރަށް ގިނަ ޢަދަދެއް.އަޙްމަދު ހަމްދާން
ޙަމްދާން ވިދާޅުވީ ނުޙައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މަސައްކަތްކުރާތަން ނޫން އެހެން ތަނަކަށް ވަޒީފާ ބަދަލުކުރި ފަރާތްތަކަށް ރައީސް އޮފީހުން އެކުލަވާލި ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީން އެ ޝަކުވާތައް ހުށަހެޅި ފަރާތްތަކަށް ގުޅައި މައްސަލަތައް ބަލަން ފަށާނެ ކަމަށެވެ.
ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.