ކުޅިވަރު

ކަލަންޑަރު ހެދުމުގައި ޤައުމީ ޓީމަށް އިސްކަންދިނިން - ސާންތި


މިފަހަރުގެ އެފްއޭއެމްގެ ކަލަންޑަރު އެކުލަވާލުމުގައި ގައުމީ ޓީމްއަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓަމަންޓް ހެޑް އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި ފީފާ ތާރީޙުތަކުގައި ގައުމީ ޓީމްގެ ކޮންމެވެސް ހަރަކާތެއް އަބަދުވެސް ހިގާނެކަމަށެވެ. ޖޫން މަހުގައި މޮރިޝިއަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށްވެސް ސީޒަން މެދު ކަޑާލަންޖެހޭނެކަމަށް ސާންތި ވިދާޅުވިއެވެ. އަދި އޮލިމްޕިކް ކޮލިފައިންގެ މެޗްތަކަށްވެސް ގައުމީ ޓީމްއަށް ދުވަސްތަކެއް ހުސްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އިހުސާން ބުންޏެވެ.

އޭނާ ބުނީ ސާފް ސުޒުކީ ކަޕް މިއަހަރު އޮންނަ ކަން ނުވަތަ ނޫންކަންވެސް އަދިވެސް ނޭންގޭކަމަށް. އެފްއޭއެމްއިން މަޢުލުމާތުދިން ގޮތުގައި ސީޒަން ހުޅުވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 4 ވަނަ ދުވަހެވެ.

ސީޒަން ހުޅުވާ މެޗަށްފަހު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުން މިއަހަރަށް ފަސްކުރި ގައުމީ މުބާރާތެވެ. ގައުމީ މުބާރާތަށް ފަހު ލީގް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގައެވެ. އަދި ބޮޑު ޗުއްޓީ ދިމާވާ ޑިސެމްބަރ މަހުގައި ބްރޭކްއެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އިހުސާން ބުންޏެވެ،

ޑިސެންބަރު މަހަށް ބްރޭކެއް ނެގުމަށްފަހު މިއަންނަ އަހަރުގެ ޖެނުއަރީ އެކެއްގައި ލީގް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ފެބްރުއަރީގައެވެ.

އޭނާ ބުނީ ކަލަންޑަރު ހެދުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް މިފަހަރު ކުރިމަތިވިކަމަށާއި ހަމައެކަނި ފުޓްބޯޅަ ކުޅުމަށް އޮންނަ ގަލަނޑު ދަނޑު އެހެންކަންތަކަށްވެސް ބޭނުން ކުރަމުން ދިއުމުން ސީޒަން ދިގުލައިގެން ދާކަމަށެވެ