ސިޔާސީ

ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށްޓަކައި ބާރަށް ނުދުއްވާ - ފުލުހުން


ސިނަމާލެ ބްރިޖުގައި ބާރު ދުވެލީގައި ވެހިކަލްތައް ދުއްވަނީ ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށް ކަމަށާއި އެފަދަ ކަންކަމުން ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ ޤަވައިދާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ބްރިޖް އެންޑް ހައިވޭ ޔުނިޓުގެ ހެޑް، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ހަސަން ވިދާޅުވީ ބްރިޖާއި ހައިވޭގައި ދުއްވާ ވެހިކަލްތައް ދުއްވާ މީހުން ޤަވާޢަިދާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ހިތާމަވެރި ޙާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ މީހުންގެ ކާރާއި ޓެކްސީ އަދި ސައިކަލްފަދަ ތަކެތި ޤަވައިދާ ޚިލާފަށް ބާރު ދުވެލީގައި ދުއްވުމުގެ ސަބަބުން ކުޑަވަގުތު ކޮޅަކަށް ހޯދި އުފާ މުޅިޢުމުރަށް ހިތާމަކުރަންޖެހޭ ކަމަކަށް ވެގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސްޕެކްޓަރ މުހައްމަދު ހަސަން ވިދާޅުވީ، ބްރިޖާއި ހައިވޭގައި ދުއްވުމަށް ވެހިކަލްތަކަށް ހާއްސަ ލޭންތަކެއް ހަދާފައި ހުންނައިރުވެސް އެކަމަށްދޭ ސަމާލުކަން ކުޑަވެފައިވާ ކަމަށެވެ. އެހެންކަމުން ޤަވައިދާ ޚިލާފުވާ ފަރާތްތައް ހިފަހައްޓާ ނަސޭހަތްދީ އަދި ބައެއް ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުވެސް ފުލުހުން އަޅަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވެހިކަލްތަކުގެ ސްޕީޑް 60 އާއި 100 އަށްވުރެ މަތިން. ޒުވާން ކުދިން ސައިކަލްތަކުގައި ދުއްވާތަން އެބަފެނޭ ކުޑަވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށް ބާރު ސްޕީޑުގަ. މިގޮތަށް އަމަލުކުރުމުގެ ނަތީޖާއަކަށްވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގުން."

ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ހަސަން ވިދާޅުވިއެވެ.

ރޯޑް އެންޑް ސޭފްޓީ ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ ވިދާޅުވީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ހޭލުންތެރި ކުރުމަށް ފުލުހުން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ވަރަށް އަގުހުރި މަޢުލޫމާތުތައް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޝްވާ ވިދާޅުވީ ބްރިޖާއި ހައިވޭ ވުޖޫދުވެގެން އައުމާއެކު ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތަން ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރަމުން އަންނަކަމަށެވެ.

ނަޝްވާ ވިދާޅުވީ ބްރިޖް އެންޑް ހައިވޭ މަގުގައި ޤަވައިދާ ޚިލާފަށް ދުއްވާ ފަރާތްތަކުން ގިނަ ފަހަރު އެމީހެއްގެ އަމިއްލަ ސަލާމަތަށްވެސް ނުވިސްނާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވިސްނާނުލާ ދުއްވުމުގެ ސަބަބުން ތިމާވެސް ނުރައްކާތެރި ޙާލަތަކަށް ވެއްޓިގެންދާކަން ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ.