ކުޅިވަރު

ނިއުގެ ޔޫތް ޓީމްގެ ކޯޗަކަށް މުއާވިޔަތު އިލްހާމް


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޔޫތް ޓީމް ކޯޗަކަށް މުއާވިއަތު އިލްހާމް ހަމަޖައްސައިފިއެވެ. މުއާވިއަތު އިލްހާމް އެކުލަބްގެ ކޯޗަކަށް ހަމަޖައްސާ ނިއުއިންވަނީ ޔޫތް ޗެންޕިއަންޝިޕްއަށް ފަރިތަކުރުންތައް ފަށާފައެވެ.

މުއާވިއަތު އިލްހާމްވަނީ ދާދިފަހުން އޭއެފްސީ އޭލައިސް ސެޓްފިކެޓް ހޯދާފައެވެ. މިނިވަން ޗެންޕިއަންޝިޕްގައި މާޅޮސް ފުޓްބޯޅަ ކުލަބަށާއި ގއ.ކޮޑޭ ފުޓްބޯޅަ ޓީމަށް އިރުޝާދުދިން ކޯޗުވަނީ މިދިޔަ އަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި 16 އަހަރުން ދަށުގެ ތަށި އިމާދުއްދީން ސްކޫލަށް ހޯދައިދީފައެވެ.

ނިމިގެންދިޔަ އަހަރުގެ މުބާރާތް 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލާފައިވީނަމަވެސް މިއަހަރު މުބާރާތުގައި ވާދަކުރަނީ 21 ދަށުގެ އުމުރުފުރާ. މިއަހަރުގެ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 3ވަނަ ދުވަހުގައެވެ.

ޔޫތް ޗެންޕިއަންޝިޕްގެ ތަށި މިހާތަނަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބިފައިނުވެއެވެ. މުބާރާތުގެ އެންމެ ފަހުގެ ޔޫތް ޗެންޕިއަންޝިޕްގެ ޗެމްޕިއަންޓީމަކީ ކުލަބް ގްރީން ސްޓްރީޓްސްއެވެ.