ކުޅިވަރު

މުސާރަ ނުދެވޭވަރަށް ކުޅުންތެރިން ގެންނާކަށް ބޭނުމެއް ނޫން - ނިޔާޒް


މުސާރަ ނުދޭވޭވަރަށް ކުޅުންތެރިން ގެންނަން ބޭނުން ނުވާކަމަށާއި މިއަހަރު ނިއުއަށް ކުޅުންތެރިން ގެންނާނީ މުސާރަ ދެވޭވަރުންކަމަށް އެކުލަބުން ބުނެފިއެވެ.

ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ބުނީ ފާއިތުވި އަހަރަކީ ނިއުއަށް ކާމިޔާބު އަހަރެއްނޫންކަމަށާއި އޭއެފްސީ ކަޕްގެ ދެވަނަ ބުރުން ނިއުއަށް ޖާގަ ނުލިބުމާއިއެކު ކުލަބަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. ހާއްސަކޮށް މާލީ ގޮތުން ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަށް ނިޔާޒް ބުންޏެވެ.

މިއަހަރު ކުލަބަށް މާލީ ގޮތުން ދިމާވި ކަންތައްތަކާއި ގުޅިގެން މިއަހަރު ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ނިކުންނާނީ ވަރަށް ގިނަ ބަދަލްތަކާއިއެކުކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ތައްޓަކަށް އަމާޒުކޮށްގެން ނިއު ތައްޔާރުވިކަމުގައިވިޔަސް މިއަހަރު ކުލަބަށް ކުޅުންތެރިން ގެންނާނީ ކުލަބްއަށް މުސާރަ ދެވޭ މިންވަރުންކަމަށެވެ. ދިވެހި ފުޓްބޯޅަ މިހާރު މިއޮތް ހާލަތާއި ފުޓްބޯޅައިގެ ފޯރިއާއި ކުލަބްތަކުގެ މާލީ ފުދުންތެރިކަމުން ކުލަބަށް ލިބޭ އެއްޗަކަށް ބަލާފަ، ކުޅުންތެރިންނަށް މުސާރަ ދެވޭ މިންވަރަށް މިފަހަރު ނިއުރޭޑިއަންޓްގެ ބަޖެޓް ތައްޔާރު ކުރާނެކަމަށް ނިޔާޒް ބުންޏެވެ.

އެފްއޭއެމުން އެކުލަވާލާފައިވާ ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންވަނީ ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.

"4 ލައްކަ ރުފިޔާ ލިބޭ ކުޅުންތެރިއަކަށް އެއީ މަހަކަ 40ހާސް ރުފިޔާކަމަށް ބަލަމާ. އަޅުގަނޑު ގަބޫލް ކުރާގޮތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މަހަކު 30ހާސް ރުފިޔާ، 25ހާސް ރުފިޔާ އެއީ ރަގަނޅު އަދަދެއް. 40ހާސް ރުފިޔާއަކީ ބޮޑު މުސާރައެއް. ރަގަނޅަށް ބަލާއިރު، ދުވަލަކު ދެ ގަނޑިއިރު ތަމްރީންކޮށްފަ، ހަތްފާއަކު ދެ މެޗްއެއްވަރު ކުޅެލާފަ، 40ހާސް ރުފިޔާ ގެއަށް ގެންދަންވީމަ އެއީ ކުޑަ މުސާރައެއް ނޫން އަސްލުގަ. މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު، ކުލަބްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއްނެތް، ކުލަބްތަކުން ސްޕޮންސާރ ހޯދަން މިޖެހެނީ ސަލާޖަހަން. އެކަންކަމަށް ބަލާއިރު 40ހާސް ރުފިޔާއަކީ ބޮޑު މުސާރައެއް ކުޅުންތެރިންނަށް ދޭން ބަލާއިރު." ނިޔާޒް ބުންޏެވެ.

ނިޔާޒް ބުނީ ކުލަބެއް ހިންގުމަކީ ވަރަށް އުނދަގޫކަމެއްކަމަށާއި އެކަން އެގޭނީ ކުލަބްތައް ހިންގާ ފަރާތްތަކަށް އެކަނިކަމަށެވެ. ގިނަ ފަހަރު ކުލަބްތައް ހިންގާ ފަރާތްތަކުން ކުލަބް ހިންގަނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންކަމަށްވެސް ނިޔާޒް ބުންޏެވެ.