ކުޅިވަރު

އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކުލަބްތައް ދޯދިޔާ ކަމުން : އަލީ އާޒިމް


އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމްތަކަށް ފުރުސަތު މިއަހަރު ގެއްލުނީ ކުލަބްތަކުގެ ދޯދިޔާކަމުންކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އޭއެފްސީގެ ކަޕުގެ ތިން ވަނަ މަގާމް 2005 ވަނަ އަހަރު ނިއު އިން ހޯދިއިރު އެ ކްލަބުގެ ޗެއާމަންކަން އަދި އޭއެފްސީގެ އެކްސްކޯގެ މެބްބަރުކަންވެސް ކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވީ މިއަހަރުގެ ރާއްޖޭގެ ކުލަބްތަކަށް އޭއެފްސީގެ ޖާގަ ގެއްލުނީ ކުލަބްތަކުގެ މެނޭޖްމަންޓް ހަރުދަނާ ނުވުމުގެ ސަބަބުންކަމަށެވެ. އޭއެފްސީ ކަޕްގެ ކަންކަން ފުރިހަމަ ކުރުމުގެ ކުރިން ކުލަބް ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައި ބުނާކަންތައްތައްވެސް ގިނަ ކުލަބްތަކުގައި ފުރިހަމަނުވާކަމަށް އާޒިމް ވިދާޅުވިއެވެ. މިއަހަރުގެ އޭއެފްސީ ކަޕްގައި ބައިވެރިވުމަށް އޭއެފްސީއަށް ހުށައަޅަންޖެހޭ ލިއެކިއުންތަށް ހަމަނުވުމުގެ ސަބަބުން އޭއެފްސީ ކަޕްގައި ބައިވެރިނުވުމުން، އެކަމުގެ ޒިންމާ އެންމެ ފުރަތަމަ ނަގަންޖެހޭނީ ކުލަބްތަކުންކަމަށާއި އެއަށްފަހު އެފްއޭއެމުންވެސް އެކަމުގެ ޒިންމާ ނަގަންޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އޭއެފްސީ ކަޕަކީ ވަރަށް ކުރިން ތާރީހުތައް އެނގޭ މުބާރާތެއްކަމަށާއި ލިޔެކިއުންތައް ފޮނުވަންޖެހޭ ތާރީޙުތައްވެސް ވަރަށް ކުރިން ކުލަބްތަކަށް އެގޭނެކަމަށް އާޒިމް ވިދާޅުވި. މިތާރީހަށް ކަންކަން ނިންމުމަކީ ކުލަބްތަކުގެ ޒިންމާއެއްކަމަށާއި އުނދަގޫތަކެއް ހުރިކަމުގައިވާނަމަ، އެފްއޭއެމާއި ވާހަކަދައްކައިގެން ހައްލުކުރުމަކީވެސް ކުލަބްތަކުން ކުރަންޖެހޭކަމެއްކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މިމައްސަލަ މިހާރު ފެންމަތިވިކަމުގައި ވީނަމަވެސް ރާއްޖޭގެ ކުލަބްތައް ހިންގަނީ ވަރަށް ހާލުގައިކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"ބައެއް ފަހަރު ކުލަބްތަކާއި އެބަހަވާލްވޭ ރާއްޖޭގެ ނިސްބަތުން ރަގަނޅު ވިޔަފާރިވެރިން. ހަވާލްކުރޭ ރަގަނޅު އަދަދެއްގެ ފައިސާ އެކަން ކުރަން. ނަމަވެސް އެކަންތައްތައް ބޮއްސުންލައިގެންދަނީ ކުލަބްތަކުގައި އެކަންތަށްތަށް ކުރަން ރަގަނޅު ގާބިލް މީހުން ނެތީމަ. ކުލަބްހެ ޖެނެރަލް ސެކެޓްރީއަކަށް އަންނަ މީހެއްގެ އެގާބިލްކަން ނެތިއްޔާ، ކިހިނެއްތޯ އޭއެފްސީ ކަހަލަ ބައިނަލަގްވާމީ ޖައްމިޔާތަކާއި ވާހަކަދައްކާ މުއާމަލާތް ކުރާނީ. މިފަދަ ކަންތަށްތަށް އެބަޖެހޭ އެފްއޭއެމްއިން ވަރަށް ބޮޑަށް ފާރަވެރިވާން. ދެ ފަރާތުންވެސް އެބަޖެހޭ އެފަރާތެއްގެ ޒިންމާ ރަގަނޅަށް އެފަރާތުން އަދާކުރަން" އާޒިމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަންވެސްކޮށްފައިވާ އަލީ އާޒިމް ވިދާޅުވީ ރާއްޖޭގެ ކުލަބްތަކާއި އެފްއޭއެމްއަށްވެސް މިލިބުނީ ވަރަށް ރަގަނޅު ފިލާވަޅެއްކަމަށާއި ކުރިއަށް އޮތްތާގައިވެސް މިފަދަ ގޮތަކަށް ކަންތައް ނުވާނެހެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ދައުލަތުން ބޮޑު ހަރަދެއް ފުޓްބޯޅައަށް ކުރާއިރު އޭގެ ނަތީޖާ މިއަށްވުރެއް ރަގަނޅުވާންޖެހޭކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.