ކުޅިވަރު

ފުރަތަމަ ފަހަރަށް ދަ ގޭންގް ޔޫތް ޗެމްޕިއަންޝިޕްގައި ބައިވެރިވަނީ


އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދަ ގޭންގުން ޔޫތް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ނިންމައިފިއެވެ.
ދަ ގޭންގް ފުރަތަމަ ޑިވިޝަންއަށް ޕްރޮމޯޓްވެފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމްގެ ގޮތުގައެވެ. ދަ ގޭންގްގެ ޔޫތް ޓީމްގައި ބައިވެރިވުމުގެ ފުރުސަތުވެސް އެކުލަބުންވަނީ މިހާރު ހުޅުވާލާފައެވެ. ޓީމަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މިހަފްތާ ބަންދުގައެވެ. ދަ ގޭންގުން ބުނީ ކޮންމެ ކުއްޖަކަށްވެސް ދަގޭންގްގެ ޔޫތް ޓީމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށާއި މިއަންނަ ހުކުރު އަދި ހޮނިހިރު ޓްރަޔަލްތައް ކުރިއަށްދާނެކަމަށެވެ.
އެފްއޭއެމުންވަނީ ޔޫތް ޗެންޕިއަންޝިޕް ފޯމެޓަށް މިއަހަރު ބަދަލްތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޔޫތް ޗެންޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވަނީ 19 އަހަރުން ދަށަށެވެ، ނަމަވެސް މިއަހަރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 އަހަރުން ދަށަށެވެ. ޔޫތް ޗެންޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ ކުލަބް އީގަލްސްއެވެ. ނަމަވެސް ކުލަބް އީގަލްސްވަނީ މިދިޔަ އަހަރު ފައިނަލްގައި ގްރީން ސްޓްރީޓްސް އަތުން ބަލިވެފައެވެ.
ކުލަބް އީގަލްސް، ގްރީން ސްޓްރީޓް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ފޯކައިދޫ ފުޓްބޯލް ކުލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިންވަނީ މިހާރު ޔޫތް ޗެމްޕިއަންޝިޕްގެ ފަރިތަކުރުންތައް ފަށާފައެވެ.
މިއަހަރުގެ ޔޫތް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ތިންވަނަ ދުވަހެވެ.