ޚަބަރު

"އައު ޤާނޫނާއެކު ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާކުރެވޭނެ"


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އައު ޤާނޫނާއެކު އެ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދަނީ 1991 ވަނަ އަހަރު ފާސްކުރި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއްކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުން މިހާރު ރާއްޖޭގެ މުޖުތަމައުގައި ކުޑަކުދިންނަށް ދިމާވާ އެކި ބާވަތްތަކުގެ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލެއް ލިބިގެން ނުދާކަމަށާއި، ނަމަވެސް އައު ޤާނޫނުން މިފަދަ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޤާނޫނު ވުޖޫދަށް އައުމާއެކު ޤާނޫނު ތަންފީޒުކުރާ މިންވަރު ބެލޭނެ އޮނިގަނޑެއް ހެދިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކުރުުގެ ހަރުދަނާ ނިޒާމެއް މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ އެންމެ މަތީފެންވަރުގައި އެ ޤާނޫނު ތަންފީޒްކޮށް ޤާނޫނު ހިނގަމުންދާ މިންވަރު ބެލޭނެ މެކޭނިޒަމްއެއް އެކުލަވާލެވިގެންދާނެ. ސަރުކާރުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ތަފާތު މައްސަލަތަކަށް މަޝްވަރާކޮށް އެކަންކަމަށް ހެޔޮބަދަލުތަކެއް ގެނެއުމަށް ކަންކަން ނިންމޭނެ އިންތިޒާމެއް ޤާނޫނުގެ އަލީގައި އުފެދިގެންދާނެ." މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އެކުދިންނާ ވާހަކަ ދެކެވެންޖެހޭނެކަމަށާއި އެކުދިންނާގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ބައްޓަންވެގެންދާންވާނީވެސް އެކުދިންނަށް އެކަމުން ފައިދާ ކުރަނިވި ގޮތަކަށްކަމަށެވެ. މިގޮތުން މިފަދަ ސިޔާސަތުތައް ކަނޑައެޅުމުގައި ކުޑަކުދިންގެ ޚިޔާލު ހޯދުމަށް ކުޑަކުދިންގެ ޙައްގުތަކާ ބެހޭ މުއާހަދާގައިވެސް ބުނެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އައު ޤާނޫނު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރުވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވެއެވެ.