ޚަބަރު

އޭ ލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފި


މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އޭ ލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ މިދިޔަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާންގެ ވަގުތީ ނަތީޖާ މިހާރު އޮންލައިންކޮށް ދޫކުރަން ފަށާފައިވާކަމށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އޭ ލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ވަގުތީ ނަތީޖާ މިއަދު އޮންލައިންކޮށް ދޫކުރަންފަށާފައިވާކަމަށާއި އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސްކޫލެއް ނުވަތަ ސެންޓަރަކުން މާދަމާއިން ފެށިގެން ވަގުތީ ނަތީޖާ ދޫކުރަންފަށާނެކަމަށެވެ.

ނަތިޖާ ސްލިޕާއި ހަވާލުވާން ކެންޑިޑޭޓުގެ ބަދަލުގައި އިތުރު މީހަކު ފޮނުވާނަމަ، އެ ކެންޑިޑޭޓެއްގެ އައި.ޑީ ކާޑާއި ނަތީޖާ ސްލިޕާއި ހަވާލުވާން ދާ މީހާގެ އައި.ޑީ ކާޑު ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިލްތިމާސްކުރެއެވެ. އަދި ނަތީޖާއާމެދު އެއްވެސް ކަންބޮޑުވުމެއް ނުވަތަ އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް އޮތްނަމަ، އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށް އެކަމެއް ހުށައެޅުމުގެ ފުރުޞަތު ނަތީޖާ ދޫކޮށް ނިމުމުން ހުޅުވާލާނެކަމަށްވެސް އެ ޑިޕާޓްމަންޓްއިން ބުނެއެވެ.

މިދިޔަ އަހަރުގެ ބޭއްވި އޭ ލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގައި ތިންހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިދިޔަ މިއަހަރު އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 3384 ދަރިވަރުން ބައިވެރިވެފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ހިމެނެނީ ސްކޫލްތަކުން ބައިވެރިވި 3283 ދަރިވަރުންނާއި އަމިއްލަގޮތުން ބައިވެރިވި 101 ކެންޑިޑޭޓުންނެވެ.

މިދިޔަ އަހަރު 52 ސެންޓަރެއްގައި އޭ ލެވެލް އިމްތިހާނު ކުރިޔަށްގެންގޮސްފައިވާއިރު މާލޭގެ 6 ސްކޫލަކާއި އަތޮޅުތެރޭގެ 45 ސްކޫލާއި ޕްރައިވެޓް ސެންޓަރެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ.
މިދިޔަ އަހަރު އެޗްއެސްސީ އިމްތިޙާނުގައި ރާއްޖެއިން 1676 ދަރިވަރުން ބައިވެރިވެފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެއެވެ.

2017 ވަނަ އަހަރުން ފެށިގެން އެޑެކްސެލް އޭލެވެލް އިމްތިޚާނު ބާއްވަމުންދަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހާއި ނޮވެންބަރު މަހުގެ ތެރޭގައެވެ.