ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރިކަން އެނގެންހުރި ނަމަވެސް އެކަމުގައި ޕީއެންސީއާ މެދު ފިޔަވަޅު އެޅެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުން ޕީއެންސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލަ އީސީއަށް ހުށަހެޅީ ޕީޕީއެމްގެ އާންމު މެންބަރަކެވެ.
މި މައްސަލަ ބެލުމަށް އިލެކްޝަނުން އެކުލަވާލި ތިން މެންބަރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރު އަދި ޤާނޫނީ ވަކީލް މަހުފޫޒް ސަޢީދު ވިދާޅުވީ މި މައްސަލާގައި ޕީއެންސީއާ މެދު ފިޔަވަޅު ނޭޅުމަށް ނިންމީ ޕީއެންސީ ހެދުމަށް އިލެކްޝަނުން ދޫކުރަންޖެހޭ ހުއްދައާއި އެ ޕާޓީގެ އާންމު ޖަލްސާ ބޭއްވުމަށް ދޫކުރަންޖެހޭ ހުއްދަ ދިނުމަށްފަހު ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން ކަމަށެވެ.
"މި މަހުގެ 24 ވަނަ ދުވަހު ގެޒެޓް ކުރެވުނު ގަވައިދުގެ ދަށުން، ގަވައިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެގޮތަށް މަސައްކަތް ކޮށްފި ކަމަށްވާނަމަ ޕާޓީ އުފެއްދުމަށް ދޫކޮށްފައި އޮތް ހުއްދަ ބާތިލް ކުރެވިދާނެ ހާލަތެއް." މަހުފޫޒް ވިދާޅުވިއެވެ.
މަހުފޫޒް ވިދާޅުވީ ޕީއެންސީން ޕީޕީއެމްގެ މުދަލާއި ވަޞީލަތް ބޭނުން ކުރި މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ޤަވާއިދު ހެދުމުގެ ކުރިން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަލަށް އެކުލަވާލި ސިޔާސީ ޕާޓީތަކާއި ބެހޭ ގަވާއިދުގެ ދަށުން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް އެހެން ޕާޓީއަކުން ބޭނުންކުރުމަކީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެކެވެ.
އަލަށް އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުން ކުރާކަން ސާބިތުވެއްޖެނަމަ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.