ޚަބަރު

އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ކުރުމަށް އަދީބުގެ ޢާއިލާއިން ޑިމާންޑުކުރޭ - މިނިސްޓަރ


ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އާއިލާއިން ޑިމާންޑްކުރަނީ ޤައިދީންގެ ކަންކަމުގައި އަމަލުކުރާ ޤަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ކޮށްދިނުމަށްކަމަށާއި އެކަންކަމެއް ސަރުކާރަކަށް ނުކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤައިދީންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ހޯމް މިނިސްޓްރީއާ ކަރެކްޝަނަލްސަރވިގެ އިތުރުން އައި.ޖީ.އެމް ހޮސްޕިޓަލް ގުޅިގެން ފަށާފައިވާ ޚާއްސަ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ބަންދުކުރި ތާރީޚުން ފެށިގެން އަދީބަށް ބޭސްފަރުވާކުރަން ފުރުސަތު ނުދޭ މިންވަރަށް މިދިޔަ ދެމަސްތެރޭގައި މި ސަރުކާރުން އެފުރުސަތު ދެއްވާފައިވާކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުގެ ކަމާއިގުޅުހުންހުރި އިދާރާތަކުން އިހްމާލުވެފައިވާކަމަށްބުނެ އަދީބު އާއިލާއިން ހާމަކޮށްފައިވާ ވާހަކަތަކާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ހޯމް މިނިސްޓްރީގައިވެސް އަދި ކަމާގުޅުންހުރި އެހެން އެއްވެސް އިދާރާއެއްގެ އިހްމާލެއް ނޯންނާނެކަމަށެވެ. އަދި އެއްވެސް ޒާތީގޮތެއްވެސް އަދީބާމެދު ނުބާއްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައިދީއަކަސް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ޤަނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކުގައި ކަނޑައަޅާ އެންމެ މަތީޖަރަދައިގެ ޚިދުމަތްތައް އަދީބަށް ދެމުންގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު އަދީބު ޖަލުގައި ހުންނެވި ގޮތާއި އަދި ދެވޭ ފަރުވާގެ ކަންކަން މިހާރު އެތައްގޮތަކުން ރަނގަޅު ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިހާރުވެގެން އުޅޭކަމަކީ މިއީހެން، ޤަވާއިދާ އުސޫލުގައި ނެތްކަންތައްތަކެއް އާއިލާއިން ޑިމާންޑް ކުރާތީ އެކަންތައްތައް ނުކުރެވިގެން މިއުޅެނީ، އިނގޭތޯ ޤަވާއިދާއި އުސޫލުގެ ތެރެއިން އަޅުގަނޑުމެން އިހުމާލުވާ، ފަރުވާކުޑަކުރާ ނުވަތަ އަޅާނުލާފަވާ ކަމެއް ނުވާކަން އަޅުގަނޑު ކަށަވަރުމިކޮށްދެނީ. މިއީ ވަރަށް ބޮޑުތަފާތެއް. ބަންދުގައި ހުރިމީހެއްގެ ޙުކުމަކީ އަޅުގަނޑާއި ބެހޭ މައްސަލައައެއް ނޫން. އަޅުގަނޑަށް ކުރެވޭނެކަމެއް ނޫން. ބަނދުގައި ބަހައްޓަންޖެހޭތަން ކަނޑައަޅައިގެން ޤާނޫނުގައި އޮތިއްޔާ އެޔަކަށް އަޅުގަނދަކަށް ބަދަލެއް ނުގެނެވޭނެ"

ހޯމް މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވިފަހުން އަދީބާމެދު ކުރީގެ ނާއިބުރައީސެއްގެ ހައިސިއްޔަތުން ބަހައްޓަންޖެހޭ ހުރިހާ ޚާއްސަ އުސޫލުތަކެއް ޖަލުތެރޭގައިވެސް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންކަން ވީހާވެސް ރަނގަޅަށް ބެލުމަށްޓަކައި ޖަލުގައި ހުންނަވާ ތަނަށްވެސް ޑޮކްޓަރުން ގޮސް ބަލަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމާ ފާހަގަކުރަން ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ އަދީބު އެންމެ ބޮޑަށް ކުރައްވަމުންގެންދެވި އެއްޝަކުވާ އެއީ ލޮލުގެ ފަރުވާ ނުދެވިގެން. އާދެ އެކަމާއި މެދުގައި މިހާތަނަށް އަދީބު އަމިއްލަފުޅަށް، ޑޮކްޓަރަށް ގެނެވުނުއިރުވެސް އެއްވެސް އިރެއްގައި ޝަކުވާ ކުރައްވާފައެއްނުވޭ. މިދޭތެރެއިން މިއައީ ކިޑްނީގެ މައްސަލައިގައި ފަރުވާކުރަމުން. އަދި އެކަމުގެ ޝަކުވާވެސް ކުރައްވަމުން. އަދީބުގެ ޝަކުވާކުރުއްވުމަކާއި ނުލައި ނުވަތަ އެދުމަކާއި ނުލާ މިހާރު މިފަނީ ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސަމުން"

އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ހޯމް މިނިސްޓްރީއާއި ކަމާއި ގުޅުންހުރި އިދާރާތަކުން އިހްމާލުވެފައިވާކަމަށާއި، އަދި އެންމެ ފަހުން އަދީބު އައި.ޖީ.އެމް ހޮސްޕިޓަލުން ޑިސްޗާޖްކުރީ ޑޮކްޓްރަންގެ ލަފާގެމަތީން ނޫންކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް މިނިސްޓަރ އިމްރާން ވަނީ ދޮގުކުރައްވާފައެވެ.