ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެމްކޯ ބަލިކޮށް ޕޮލިސް ކުލަބު ފައިނަލުން ޖާގަ ހޯދައިފިއެވެ.
ވޮޅިބޯޅަ އެސޯސިއޭޝަން ކަޕުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވެމްކޯގެ މައްޗަށް ޕޮލސް ކުރި ހޯދީ 3-1 ން. ރޭގެ މެޗުގެ ސެޓުތަށް ޕޮލިހުން ގެންދިޔައީ ފަންސަވީސް ތޭރަ، ފަންސަވީސް ތޭވީސް، ފަނަރަ ފަންސަވީސް، އަދި ފަންސަވީސް ބާވީހުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ.
މެޗަށްފަހު ޕޮލިސް ކުލަބުގެ ކޯޗް ޚާލިދު މުޙައްމަދު ބުނީ، އޭނާގެ ކުޅުންތެރިންގެ ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، ނަމަވެސް ފައިނަލުގައި މިއަށްވުރެ ކުޅުން ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ. އަދި އިދިކޮޅަށް ކުޅުނު ޓީމުން މެޗުގައި ގިނަ ގޯސްތަކެއް ހެދުމުން ޕޮލިހަށް އަސްލު ކުޅުން ނުދެއްކުނު ކަމަށާއި، ޕޮލިހަށް އެއް ސެޓު ގެއްލުނީ އިދިކޮޅުން ގެނައި ބަދަލުތައް ކުޅުންތެރިންނަށް ނަގައި ނުގަނެވުމުގެ ސަބަބުން ކަމަށްވެސް ޚާލިދު ބުންޏެވެ.
ކޯޗް ޚާލިދު ބުނީ، މިހާރު ހުރިހާވެސް ވިސްނުމެއް ހުރީ ފައިނަލް މެޗަށް ކަމަށާއި، ފައިނަލުގައި ވަކިޓީމެއް އިދިކޮޅުން ވާދަކުރުމަކުން ޕޮލިހަށް ލިބޭނެ އެއްވެސް އެޑްވާންޓޭޖެއް ނެތްކަމަށެވެ. އެގޮތުން ވެމްކޯ އާއި ލޮރެންޒޯއަކީވެސް ވާދަވެރި ދެޓީމު ކަމަށާއި، ދެޓީމުގައި ތިބި ކުޅުންތެރިންނަށް ބެލިކަމުގައި ވިޔަސް، އެދެޓީމަކީވެސް ޕޮލިހާއި އެއް ފެންވަރެއްގެ ދެޓީމު ކަމަށްވެސް ޚާލިދު ބުންޏެވެ.
"ކުރިން ކުޅުނު މެޗުތަކުގެ ނަތީޖާއެއް ނުބަލާނަން، ފައިނަލް މެޗަކީ މުޅިން އެހެން މެޗެއް، އެމެޗަށް އިދިކޮޅުން ނިކުންނަ ޓީމެއްވެސް ނިކުންނާނީ ވަރުގަދަކޮށް" ޚާލިދު ބުންޗެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ވެމްކޯ ޓީމުގެ މެނޭޖަރު އަހުމަދު އިބްރާހިމް ބުނީ، މެޗުގައި ވެމްކޯއަށް ދިމާވި މައިގަނޑު މައްސަލައަކީ ރިސީވިންގެ މައްސަލަ ކަމަށާއި، ޑިފެންސްގައި ގޯސްތަކެއް ހެދުމުގެ ސަބަބުން ގިނަ ޕޮއިންޓުތަކެއް އަތުން ގެއްލުނުކަމަށެވެ. އެހެންކަމުން މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ސެމީގެ ދެވަނަ މެޗުގައި ފަރުވާ ބަހައްޓައިގެން ކުޅެން ޖެހޭކަމަށްވެސް އޭނާ ބުންޏެވެ.
"މެޗުތެރެއިން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުމުން ކުޅުންތެރިންނަސް ބޮޑަށް އުނދަގޫވީ، އެހެންވެ ޑިފެންސްގަ ގިނަ ގޯސްތަކެއްވެސް ހެދުނު. ރަނގަޅަށް ރިސީވް ނުކުރެވިގެން ގިނަ ޕޮއިންޓުތަކެއް ގެއްލުނު" އަހުމަދު ބުންޏެވެ.
ސެމީގެ ދެވަނަ މެޗުގައި މިރޭ ވެމްކޯ ވާދަކުރަން ޖެހޭނީ ލީގު ބުރުން ތިންވަނައަށްދިޔަ ލޮރެންޒޯ އާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް ޕޮލިސް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.