ކުޅިވަރު

ޔޫތް ޗެމްޕިއަންޝިޕްގެ ސަބަބުން ޒުވާން ޓީމް އެކުލަވާލަން ވަރަށް ފަސޭހަވާނެ - ސެގާޓް


ޔޫތް ޗެންޕިއަންޝިޕް މުބާރާތުގެ ސަބަބުން 23 އަހަރުން ދަށުގެ ގައުމީ ޓީމްއެކުލަވާލަން ވަރަށް ބޮޑަށް ފަސޭހަވާނެކަމަށް ޤައުމީ ސިނިއާރ އަދި 23 އަހަރުން ދަށުގެ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

23 އަހަރުންދަށުގެ ޓީމް އެކުލަވާލަން މަސައްކަތް ކުރާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުމާއިއެކު، ކުޅުންތެރިންނަށް މެޗެއް ކުޅެން ނުލިބެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިން ކޯޗް ޕިޓާރ ސެގާޓްބުނީ މިހާރު 23 އަހަރުން ދަށުގެ ޓީމްގައި ފަރިތަކުރަމުންދަނީ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިނުވާ ކުޅުންތެރިންކަމަށެވެ. ޔޫތް ޗެންޕިއަންޝިޕް މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާ ކުޅުންތެރިންނަށް ޓީމަށް އެރުމުގެ ފުރުސަތު އޮންނާނެކަމަށާއި ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަކަމަށް އޭނާ ބުންޏެވެ.

ކޮލިފިކޭޝަން މެޗްތަކުގައި ވާދަކުރާ ޤައުމްތަކުގެ ކުޅުންތެރިންނަކީ ރާއްޖެއަށް ވުރެއް ބޮޑެތި ކުޅުންތެރިންތަކެއްކަމަށާއި ރާއްޖެއަށް އޮތް ފުރުސަތަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާއި ސްޕީޑްކަމަށް ކޯޗް ބުންޏެވެ.

މިހާރު 23 އަހަރުންދަށުގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދާ ކުޅުންތެރިންނާއި ޔޫތް ޗެންޕިއަންޝިޕްގައި ވާދަކުރާ ކުޅުންތެރިންނަށް މިއީ ވަރަށް ބޮޑު ޕްރެޝަރެއްކަމަށާއި 23 އަހަރުން ދަށުގެ ޓީމްގެ ކޯޗިން ސްޓާފުން ޔޫތް މުބާރާތުގެ ހުރިހާ މެޗެއް ބަލާ، ކުޅުންތެރިން ނެގުމުގެ މަސައްކަތް ކުރާނެކަމަށް ސެގާޓް ބުންޏެވެ.

"މިއީ ފަރިތަކުރުންތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް އޮތް ވަރަށް ބޮޑު ޕެރެޝަރެއް. ގައުމީ ޓީމްގައި ހިމެނެން ބޭނުންވާނަމަ، މުބާރާތުގައި ކުޅުންތެރިން އެބަޖެހޭ ވަރަށް ރަގަނޅު ކުޅުމެއް ދައްކަން. ބައެއް ޒުވާން ކުޅުންތެރިންނަށް ލީގްގައި ފުރުސަތު ލިބިފައިވަނީ ވަރަށް މަދުން. އެހެންވީމަ މިއީ އެކުޅުންތެރިންގެ ފެންވަރު ދައްކާލަން ވަރަށް ރަގަނޅު މުބާރާތެއް. ގައުމީ ޓީމްގެ ކޯޗިން ސްޓާފުން ވަރަށް ގާތުން މެޗްތަށް ބަލަމުންދާނެ."

ސައުދި އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގެ މެޗްތައް ކުރިއަށްދާނީ މާޗް މަހުގެ މާޗް މަހުގެ ބާވީހުން ސައްބީހުގެ ނިޔަލަށެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލާފައިވަނީ ގަލްފުގެ ގަދަ ބާރުތަކާއެކު ގުރޫޕް ޑީގައެވެ. މިގުރޫގައި ރާއްޖޭއާއެކު ހިމެނެނީ ސައުދި އަރަބިއްޔާ، ޔޫއޭއީ އަދި ލެބަނަންއެވެ.