ފައިނަލް މެޗަށް ނިކުންނާނީ ވެމްކޯ ބަލިކުރާނެ އިތުރު އުކުޅުތަށްވެސް ހޯދައިގެން ކަމަށް ޕޮލިސް ކުލަބުގެ ކޯޗް ޚާލިދު މުހައްމަދު ބުނެފިއެވެ.
ވޯލީބޯޅަ އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ޕޮލިހާއި ވެމްކޯ މާދަމާރޭ ނިކުންނައިރު، މެޗުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ޕޮލިސް ކުލަބުގެ ކޯޗް ޚާލިދު ބުނީ، މުބާރާތުގައި ކުރިން ކުޅުނު މެޗުތަކުން ވެމްކޯ ބަލިކުރެވުނު ކަމުގައި ވިޔަސް އެއީ ޕޮލިހުން އެޑްވާންޓޭޖެއްގެ ގޮތުގައި ނަގާނެކަމެއް ނޫން ކަމަށާއި، ފައިނަލް މެޗާއި އެހެން މެޗުތަކާއި ތަފާތުވާނެ ކަމަށެވެ. އެގޮތުން ފައިނަލަށް ވެމްކޯއިންވެސް ނިކުންނާނީ ތަފާތު ރޫހެއްގައިކަން ދަނެ އެޓީމު ބަލިކުރާނެ އިތުރު އުކުޅުތަށްވެސް ހޯދާނެ ކަމަށް ޚާލިދު ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ޚާލިދު ބުނީ، ވެމްކޯގައި ތިބީ މޮޅު ކުޅުންތެރިން ކަމަށާއި އެހެންކަމުން ޕޮލިހުން ބޭނުންވަނީ ފައިނަލުގައި ރަނގަޅު ފައިޓެއް ދީގެން ޗެމްޕިއަންކަން ހޯދަން ކަމަށެވެ.
"މުބާރާތުގައި ކުރިން ކުޅުނު މެޗުތަކަކީ އަޅުގަނޑުމެން ބަލާނެ މެޗުތަކެއް ނޫން، ފައިނަލް މެޗު އެހެން މެޗުތަކާއި ތަފާތުވާނެ، ޚާއްސަކޮށް ވެމްކޯގައި ތިބީ މޮޅެތި ކުޅުންތެރިން، އެކުޅުންތެރިން އެކުގައި ރަނގަޅަށް ކުޅެފިނަމަ ވަރަށް އުނދަގޫވާނެ، އެހެންވީމާ ޕޮލިހުން ނިކުންނާނީ އެޓިމު ބަލިކުރާނެ އިތުރު އުކުޅުތަށްވެސް ހޯދައިގެން". ޚާލިދު ބުންޏެވެ.
ފައިނަލް މެޗުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ވެމްކޯގެ ކޯޗް ސޮފްވާން އަހުމަދު ބުނީ، ޕޮލިހަކީ ވަރުގަދަ ޓިމެއް ކަމަށާއި، އެޓީމު އަންނަނީ މިހާތަނަށްވެސް އެކަން ސާބިތު ކޮށްދެމުން ކަމަށެވެ. އެގޮތުން އެކުލަބުގައި ތިބީ ގަވާއިދުން އެކުގައި ކުޅޭ ކުޅުންތެރިން ކަމަށާއި، އެހެންކަމުން އެހެން ޓީމުތަކަށްވުރެ ޕޮލިސް ޓީމަކީ އެއް ރޫހެއްގައި ކުޅޭ ޓީމެއް ކަމަށެވެ. އެހެންކަމުން ވެމްކޯއިން ފައިނަލަށް ނިކުންނީ މި ހުރިހާ ކަމެއްވެސް ދަނެގެން ކަމަށް ސޮފްވާން ބުންޏެވެ.
ސޮފްވާން ބުނީ މުބާރާތުގެ ކުރިންވެސް ޕޮލިހާއި އެކު ފަރިތަކުރުމުގެ ދެމެޗެއް ކުޅުނު ކަމަށާއި، އަދި މުބާރާތުގައި ކުޅުނު ދެމެޗުވެސް ޕޮލިހުން ކާމިޔާބުކޮށްފައި އޮތުމުން، ފައިނަލުގައި ވެމްކޯއިން ކުޅުން ވަރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
"ޕޮލިހަކީ މޮޅު ޓީމެއް، އެޓީމުން ވަނީ މިހާތަނަށްވެސް އެކަން ސާބިތު ކޮށްދީފައި، އެހެން ޓިމުތަކާއި ޕޮލިހާއި ތަފާތުވާ ސަބަބަކީ އެޓީމުގައި ތިބި ކުޅުންތެރިން އެކުގައި އަބަދުވެސް ކުޅޭތީ، ފައިނަލަށް ނިކުންނައިރު އަޅުގަނޑުމެން ނިކުންނާނީ މި ހުރިހާ ކަމެއް ދަނެގެން، ކުރިން ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތަށްވެސް ރަނގަޅު ކޮށްގެން". ސޮފްވާން ބުންޏެވެ.
ޕޮލިހާއި ވެމްކޯ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާރޭ.