ކުޅިވަރު

އައްމަޑޭ އަލުން ގްރީނަށް


މިދިޔަ ސީޒަންގައި ވިކްޓްރީއަށް ކުޅުމަށްފަހު އަހުމަދު ރަޝީދު (އައްމަޑޭ) އަލުން ގްރީން ސްޓްރީޓްސްއާއި ގުޅިއްޖެއެވެ.

2016ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަން ގްރީން ސްޓްރީޓްސްއިން 2017ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ކުޅުނު ފުރަތަމަ އަހަރު އަހުމަދު ރަޝީދުވަނީ ގްރީންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެއަހަރު ގްރީނުންވަނީ ކޯޗް ސޮބާޙު މުޙައްމަދުގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގްގެ ދެވަނަ ހޯދާފައެވެ.

2017ވަނަ އަހަރު އަހުމަދު ރަޝީދު ގްރީން ސްޓްރީޓްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް އެ އަހަރު ޤައުމީ ޓީމުންވެސް ފުރުސަތު ލިބުނުކަން ފާހަގަކޮށްލެވެއެވެ.

އަހުމަދު ރަޝީދު ފުރަތަމަ ވިދާލީ މާޒިޔާގެ ޖާރޒީގައެވެ. ގިނަ އަހަރުތަކެއްގައި އޭނާ މާޒިޔާއަށް ކުޅުމަށްފަހު އޭނާ ގްރީނަށް ބަދަލްވީ 2017ވަނަ އަހަރުއެވެ. 32 އަހަރުގެ އައްމަޑޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެފައިވަނީ 2009ވަނަ އަހަރުގައެވެ.