ކުޅިވަރު

މިފަހަރުގެ ވޯލްޑް ޓުއަރ ބީޗް ވޮލީ މުބާރާތަކީ ޚާއްސަ މުބާރާތެއް - ހުސައިން މުހައްމަދު


މިއަހަރުގެ އެފްއައިވީބީގެ ވޯލްޑް ޓުއަރ ބީޗް ވޮލީ ބޯޅަ މުބާރާތަކީ އޭނާއަށް ވަރަށް ހާއްސަ މުބާރާތެއްކަމަށް ރާއްޖޭގައި ހުރި ކަމައެކަނި އެކްޓިން ބީޗް ރެފްރީ ހުސެއިން މުހައްމަދު ބުނެފިއެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހުސެއިން މުހައްމަދަށްވަނީ އެފްއައިވީބީގެ ވޯލްޑް ޓުއަރ އިން ފުރުސަތު ލިބިފައެވެ. ޕީއެސްއެމްގެ ޓައިމް އައުޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ހުސެއިން މުހައްމަދު ބުނީ މީގެ ކުރިން ރެފްރީކަން ކޮށްފައިވާ ވޯލްޑް ޓުއަރ ބީޗް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން މިއަހަރުގެ މުބާރާތް ވަރަށް ހާއްސަކަމަށެވެ.

ޖެހިޖެހިގެން ތިން އަހަރު ރެފްރީކަން ކުރަން ލިބުމާއި މިއަހަރުގެ މުބާރާތް އޮސްޓްރޭލިއާގައި އޮތުންމަކީވެސް މިއީ މިފަހަރުގެ މުބާރާތް ހާއްސަވާ އެއް ސަބަބުކަމަށް ހުސެއިން ބުންޏެވެ. އޭނާބުނީ ސައުތް އެމެރިކާގައި ވޯލްޑް ޓުއަރ ކުރިއަށްދާއިރު، އެމުބާރާތުގައި ބްރެޒިލްގެ ކުޅުންތެރިން ކުޅުމުގެ ފުރުސަތު ބޮޑުވާނެކަމަށާއި މިއަހަރު އެފްއައިވީބީގެ ވޯލްޑް ޓުއަރ ބީޗް ވޮލީ ބޯޅަ މުބާރާތް އޮސްޓްރޭލިއާގައި އޮތުމުން ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅޭ މެޗުތަކަށް އިންސާފުކުރަން ފުރުސަތު ލިބޭނެކަމަށެވެ. އެފެންވަރުގެ ކުޅުންތެރިންގެ މެޗްތަކަށް އިންސާފްކޮށްލަން ލިބުމަކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ހުސެއިން ބުންޏެވެ.

"އޮސްޓްރޭލިއާ ވޯލްޑް ޓުއަރ މުބާރާތަކީ ވަރަށް ފެންވަރުގެ ކުޅުންތެރިން ކުޅޭ މުބާރާތެއް. މިޓުއަރގައި އޭޝިޔާ، އެމެރިކާ އަދި ބްރެޒިލްގެ ކުޅުންތެރިންވެސް ކުޅޭނެ. މިފަދަ މޮޅެތި ކުޅުންތެރިންގެ މެޗްތަށް އިންސާފްކޮށްލަން ލިބުން މިއީ މިފަހަރުގެ ޓުއަރ ހާއްސަވާ އެއް ސަބަބު. މިދިޔަ އަހަރު ދިޔައީ ޓޯކިޔޯގެ ވޯލްޑް ޓުއަރއަށް. ޓޯކިޔޯ މުބާރާތުގައި ގިނައިން ކުޅެފައިވަނީ އޭޝިޔާގެ ކުޅުންތެރިން. ނަމަވެސް އޮސްޓްރޭލިއާގެ މުބާރާތަކީ ކޮންމެވެސް ވަރަކަށް އެމެރިކާ، ބްރެޒިލް އަދި އޭޝިޔާގެ ކުޅުންތެރިންގެ މިކްސް ކުޅުންތެރިން ކުޅޭތަން ބަލާލާ، ރެފްރީކަން ކޮށްލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް". ހުސައިން ބުންޏެވެ.

ބީޗް ރެފްރީ ހުސެއިން މުހައްމަދު މިފަހަރު ރެފްރީކަންކުރާ ވޯލްޑް ޓުއަރ އޮންނާނީ އޮސްޓްރޭލިއާގެ ސިޑްނީގައި، މާޗު ތިނަކުން އެގާރައަށެވެ. ހުސެއިން ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި 2014 ވަނަ އަހަރާއި 2016ވަނަ އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރެފްރީކަންކޮށްފައެވެ.