ވެމްކޯއިން ތައްޔާރުވީ ފައިނަލުގައި ވަރުގަދަ ފައިޓެއްދީ ތަށި ހޯދަންކަމަށް ޗެމްޕިއަން ކްލަބް ވެމްކޯގެ ކޯޗް ސޮފްވާން އަހުމަދު ބުނެފިއެވެ.
ކޯޗް ސޮފްވާން ބުނީ މުބާރާތުގައި ފައިނަލުގެ ކުރިން، ޕޮލިހާއި ވާދަކުރި ދެ ކުރިމަތިލުންވެސް ޕޮލިސް ކާމިޔާބުކުރުމުން، ކޮންމެވެސް ވަރަށް ވެމްކޯއަށް ޕްރެޝަރު އޮތް ކަމަށާއި، އެހެންކަމުން ފައިނަލުގެ ކުރިން ކުޅުންތެރިން މޯޓިވޭޓްކޮށް ބަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރިމަކަށެވެ. އަދި ޚާއްސަކޮށް ފައިނަލަށް ނިކުތީ ޕޮލިހަކީ ވަރުގަދަ ޓީމެއްކަން ދަނެ، ޕޮލިހިސް ބަލިކުރެވޭނެ ގޮތްތަށް ބަލައިގެން ކަމަށްވެސް ސޮފްވާން ބުންޏެވެ.
މެޗުގެ ވާދަވެރިކަމަށް އަލިއަޅުވާލައި ސޮފްވާން ބުނީ، ޕޮލިހުގައި ގިނަ ދުވަސް އެކުގައި ކުޅެމުން އަންނަ ކުޅުންތެރިން ތިބުމުން އެޓީމުގެ ޓިމްވޯކް ވަރުގަދަ ކަމަށާއި، އެކަމަކު ވެމްކޯއިން ރަނގަޅަށް ކުޅެފިނަމަ ޕޮލިސް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތް ކަމަށެވެ.
" އަޅުގަނޑުމެން ތައްޔާރުވަމުން އައީ ސީދާ ފައިނަލަށް، އެންމެ ފަހު ޕްރެކްޓިސްގަވެސް ޕޮލިސްގެ ގޭމް ޕްލޭން ރޫޅާލައި އެޓިމުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ގޮތްތަށް ހުއްޓުވާނީ ކިހިނެއްތޯ ބަލައިގެން އެގޮތަށް ފައރިތަކުރީވެސް، އިރާދަކުރެއްވީތީ އެކަން ކާމިޔާބު ވެއްޖެ، މިމެޗުގައި ޕޮލިހަކަށް އެޓިމުގެ އަސްލު ކުޅުމެއް ނުކުޅެވުނު،" ސޮފްފާވް ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޕޮލިސް ކުލަބުގެ ކޯޗް ޚާލިދު މުހައްމަދު ބުނީ، ފައިނަލް މެޗަކާ އަޅާ ބަލާއިރު އޭނާގެ ކުޅުންތެރިންނަށް ހަދަން ނުވާވަރުގެ ގޯސްތައް ހެދިފައި އެބަހުރި ކަމަށާއި، ނަމަވެސް މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ނަސީބު އޭނާގެ ޓީމާއި ދެކޮޅަށް އޮތުން ކަމަށެވެ. އެގޮތުން ކޮންމެ ސެޓެއްވެސް ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި، އަތުން ގެއްލުނު ތިން ސެޓުގައިވެސް ފަހު ވަގުތު ގޯސް ހެދުނީ ކަމަށް ޚާލިދު ބުންޏެވެ.
ޚާލިދު ބުނީ އިންޑޯގައި ވިދިވިދިގެން ތިން ފަހަރަށް އެއް ޓީމެއް ބަލިކުރުން އެއީ އުނދަގޫ ކަމެއް ކަމަށާއި، ކައިރި ކައިރީގައި އެއް ޓިމު ތަކަކާއި ކުޅެން ޖެހުމުން ޕޮލިހަށް އެޓިމުގެ އަސްލު ކުޅުން ނުދެއްކޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު، ހުރިހާ ސެޓެއްވެސް ދިޔައީ ވަރަށް ވާދަވެރިކޮށް، އެކަމަކު އެންމެ ފަހު ވަގުތު ގޯސް ހެދުނީ، ގިނަ ފަހަރަށް ސާވިސްވެސް މިސް ކޮށްލެވެނީ،" ޚާލިދު ބުންޏެވެ.
މިއީ ވެމްކޯއިން މިމުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.