އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލެއޮނަލް މެސީއަށް އެލް ކްލެސިކޯގައި ކުޅެވޭނެ ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.
މެސީއަށް އަނިޔާވީ ރޭ ސްޕެނިޝް ލަލީގާ ގައި ވެލެންސިއާ އަތުން އެއްވަރުވި މެޗުގައެވެ.
މި މެޗުގައި ބާސާގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ. މި ދެލަނޑަކީވެސް 2-0އިން ބާސާ ބަލިވާން ދަނިކޮށް މެސީ ކާމިޔާބުކޮށްދިން ދެލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި މެސީއަށް އަނިޔާވި ނަމަވެސް އޭނާވަނީ ފަރުވާއަށްފަހު އަލުން ކުޅުމާއި ބައިވެރިވެ މެޗު ފުރިހަމަ ކޮށްފައެވެ. ނަމަވެސް މެޗައްފަހު މާޔޫސްވެފައި ހުރި ބާސާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނީ، ކޮޕަ ޑެލްރޭގެ ސެމީގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެ މެޗުގައި މެސީއަށް ކުޅެވޭނެ ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.
ވަލްވާޑޭ ބުނީ، އެލް ކްލެސިކޯ އަށް ތައްޔާރުވާން އޮތީ ހަތަރު ދުވަސް ކަމަށާއި، އެހެންކަމުން މެސީއަށް ލިބިފައިވާ އަނިޔާގެ ބޮޑުކުޑަމިން އަދި ހޯދިފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.
އަދި މެޑިކަލް ޓީމުން މިހާރު އެކަން ބަލަމުންދާ ކަމަށާއި، މެސީއާއި މެދު ޖަވާބެއް ދޭން އެނގޭނީ މެޑިކަލް ޓީމުގެ ޖަވާބަކަށް ފަހުގައި ކަމަށެވެ.
ވަލްވާޑޭ ބުނީ، މުހިންމު މެޗަކަށް ކުރިމަތިލާއިރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަނިޔާގައި ހުރުން އެއީ ޓީމަށްވެސް ލިބޭނެ ނިކަމެތިކަމެއް ކަމަށާއި، ރެއާލް މެޑްރިޑް ފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ސެމީ ފައިނަލެއްގައި ނިކުންނައިރު، މެސީއާއި ދެމު ޔަގީންކަމެއް ނެތުމުން ކަންބޮޑުވާކަމަށެވެ.
ބާސާ އާއި ރެއާލް މެޑްރިޑް ވާދަކުރާ ކޮޕަ ޑެލްރޭގެ ސެމީފައިނަލް މެޗު އޮންނާނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.