ރައީސް ޞާލިޙް

ރާއްޖެ އަބަދުވެސް އޮންނާނީ ވިޔަފާރިތަކަށް ފަހި މާޙައުލެއްގެގޮތުގައި - ރައީސް


ރާއްޖެ އަބަދުވެސް އޮންނާނީ ވިޔަފާރިތަކަށް ފަހި މާހައުލެއްގެ ގޮތުގައިކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ބޭރުގެ ވިޔާފާރިތަކަށް ހުޅުވާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާ ޗެމްބަރ އޮފް ކޮމާސްގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާދެމެދު އޮންނަ ޒަމާންވީ ގުޅުމެގެ ތެރެއިން ވިޔަފާރީގެ ދާއިރާގެ ގުޅުމަކީވެސް ވަރަށްދުވަސްވީ އަދި އެގުޅުން އިތުރަށް ކުރިއަރުވަންޖެހިފައިވާ ދާއިރާއެއްކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ސްރީލަންކާގެ ވިޔަވާރިވެރިންނާއެކު މަސައްކަތް ކުރުމަކީ ވިޔަވާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފަސޭހަތައް ލިބިގެންދާނެކަމެއްކަން ވަނީ ފާހގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްރީލަންކާ އާއި އެނޫންވެސް ބޭރުގެ އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އެމަނުކުފާނުގެ ސަރުކާރުގައި އަބަދުވެސް ފަހިވެފައި އޮންނާނެކަމަށެވެ. އަދި އެފުރުސަތުތައް ދެނެގަތުމަށް ރައިސް ވަނީ ގޮވާލައްވާފައެވެ.

ސްރީލަންކާގެ ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރި ކުންފުނިތަކުގެ އިސްބައެއް ފަރާތްތަކުންވެސް ބައިވެރިވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެންވެސް ދާއިރާތަކުގައި އިންވެސްޓުކުރާ ޤައުމެއްކަމަށާ، ރައީސް ޞާލިޙާއެކު ލަންކާގެ ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމަކީ އާފެށުމެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަވާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިންވަނީ މަޝްވަރާކޮށް ދެޤައުމުގައިހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރގެ އިތުރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތުއަލީ ބައިވެރިވެވަޑައިގެންނެވިއެވެ.