ކުޅިވަރު

ޓީސީގެ ކޯޗަކަށް އާތި


ދިވެހި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެންޕިއަން ޓީސީ ސްޕޯޓްސް ކުލަބުން އެކުލަބުގެ ކޯޗަކަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗް މުހައްމަދު އާތިފް ގެންނަން ނިންމައިފިއެވެ.

ޓީސީ ސްޕޯޓްސް ކުލަބު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަޙުމަދު ނަޝީދު ޑޭވް ބުނީ، އާތިއާއިއެކު ޓީސީއަށް އެއްބަސްވުމަކާއި ހިސާބަސް އާދެވިފައިވާ ކަމަށާއި، ނަމަވެސް ކޯޗުކަމާއި އާތި ރަސްމީކޮށް ހަވާލުވާނީ އަންނަ މަހު ނޭޕާލްގައި އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ފަހުގައި ކަމަށެވެ.

ޑޭވް ބުނީ، ޓީސީގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމާއިއެކު އެކުލަބުން އެއްބަސްވުމަކަށް ނާދެވުނު ހިސާބުން، އެކުލަބުން އެންމެ ފުރަތަމަ މަސައްކަތްކުރީ އީގަލްސްގެ ކުރީގެ ކޯޗް އިހުސާން އަބްދުލް ޣަނީ ގެންނަން ކަމަށާއި ނަމަވެސް އޭނާ މިވަގުތު އެފްއޭއެމްގެ މަތީ މަގާމެއްގައި ހުރުމުން އޭނާ ޓީސީގެ ހުށައެޅުން ބަލައި ނުގަތްކަމަށެވެ. އަދި އެއަށްފަހު އީގަލްސްގެ މިހާރުގެ ކޯޗް އަހުމަދު ޝިޔާޒް މޯހަން ގެންނަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އީގަލްސްއާއިއެކު މޯހަން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތުމުން އެކަން ނާކާމިޔާބުވީ ކަމަށާއި އެހާ ހިސާބުން އާތި އާއިއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އަންނަން ނިންމީ އެހިސާބުން ކަމަށް ޑޭވް ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުކަމާއި އާތި ހަވާލުވީ 2017ވަނަ އަހަރުއެވެ. ގައުމީ އަންހެން ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީވެސް ހޯދާފައިވަނީ އާތިގެ ކޯޗުކަމުގެ ދަށުގައެވެ. އެއީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ޔޫއެފާ އިންޓަނޭޝަނަލް ވުމަންސް ކުއަޑްރަންގިއުލާ މުބާރާތުގެ ލޯ މެޑަލް ހޯދުމެވެ.

ގައުމީ އަންހެން ޓީމާއި ހަވާލުވުމުގެ ކުރިން އާތިހުރީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގެ މަގާމުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ ވަނީ އެކުލަބު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި އަހަރު، ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިފައެވެ.

ޓީސީއިން މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި މިހާރުވެސް އެކުލަބުން ވަނީ ހޯދާފައެވެ.