ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު %7.6 ގައި ހިފެހެއްޓޭނެ - ރައީސް


މިއަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި %7.6 ގައި ހިފެހެއްޓޭނޭކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ގާތްގަނޑަކަށް %7.6 ގައި ހިފެހެއްޓޭނޭކަމަށް ލަފާކުރެވޭކަމަށާއި، އަދި މިއަހަރު އިންފްލޭޝަން ރޭޓް ޖުމްލަ ގޮތެއްގައި %1.3 ގައި ހިފެހެއްޓޭނޭކަމަށެވެ.
މެދުރާސްތާގެ ރާއްޖޭގެ އިޤްތިސާދީ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.8 ކުރިއަރާނޭކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2020 ވަނަ އަހަރު %7.3 އަދި 2021 ވަނަ އަހަރު %6.9 ކުރިއެރުމެއް އަންނާނޭކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މެދުރާސްތާގެ ދުވެލި މައިގަނޑު ގޮތެއްގައި ބިނާވެފައިވާނީ ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރަށެވެ. ފަތުރުވެރިކަގެ ދާއިރާގެ އުފެއްދުންތެރިކަން އެންމެބޮޑަށް ގުޅިފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ މަޝްރޫއު ނިމިފައިވުމާއެކު ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ކުރިއަށްއޮތް ދެއަހަރުދުވަހުގެ ތެރޭގައި ނިމި ބޭނުންކުރަންފެށުމުން އެއަރޕޯޓުގައި ޖައްސާ ފްލައިޓްތައް އިތުރުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެކަމަށް ބެލެވޭކަމަށް ސަރުކާރުން ބުނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީއާއިއެކު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެނދުތައް މާކެޓަށް ނިކުންނަ އަދަދު އިތިރުވެގެންދާނޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުން ބުނެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރު މެދުރާސްތާގައި އިމާރާތްކުރުމުގެ ދާއިރާގެ ދުވެލި ފާއިތުވިއަހަރުތަކާ އަޅައިބަލާއިރު ކުޑަކޮށް މަޑުޖެހުމެއް އަންނާނޭކަމަށް ބެލެވުނު ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބިނާކުރެވުނު އުމްރާނީ ވަސީލަތްތަކާއި ގެދޮރުގެ އިޤްތިސާދީ ފައިދާ ލިބި ދަތުރުފަތުރާއި، ވިޔަފާރި، ސިއްހީ ދާއިރާ އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުގެ އުފެއްދުންތެރިކަން މެދުރާސްތާގައި ކުރިއަރާނެކަމަށް ބަޖެޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.