ކުޅިވަރު

އުންމީދަކީ 2032ވަނަ އަހަރު އޮލިމްޕިކްސްގެ ދިގުފެތުމުށް ރާއްޖޭގެ ފެތުންތެރިއަކު ކޮލިފައިވުން - ޝަމީމް


އުންމީދަކީ 2032ވަނަ އަހަރުގެ އޮލިމްޕިކްސްގައި، ދިގު ފެތުމުގެ އިވެންޓަކަށް ރާއްޖެއިން ކުއްޖަކު ކޮލިފައިވުން ކަމަށް ސްޕޯޓްސް ކައުންސިލްގެ މެމްބަރު ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި ކުރިއަށްދިޔަ "މޯލްޑިވްސް ސްވިމް ބާ ބީއާރު ކްރޯވްލް 2019" ނިންމާލުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ފެތުމަކީ ރާއްޖޭގައި އެންމެ ފަސޭހައިން ކުރިއެރުވޭނެ ކުޅިވަރު ކަމަށާއި ޚާއްސަކޮށް މޫދުގައި ބާއްވާ ދިގު ފެތުން ކުރިއެރުވުމައި ރާއްޖެއަށް، އެހެން ގައުމުތަކާއި އަޅާބަލާއިރު ގިނަ ފަސޭހަތަކެއް ތަކެއް އެބަހުރި ކަމަށެވެ. ރާއްޖޭގެ ނުވަދިހަ ނުވަ އިންސައްތައަކީ ކަނޑު ކަމަށް ވުމާއިއެކު މާގިނަ ޙަރަދުތަކެއް ނުކޮށް މިކަން ކުޅިވަރެއްގެ ގޮތުގައި ތަރައްގީ ކޮށްފިނަމަ ގިނަ ކާމިޔާބީ ތަކަކެއް ޚާސިލް ކުރެވިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދިގު ފެތުމަކީ އޮލިމްޕިކްސްގައިވެސް ހިމެނޭ ކުޅިވަރެއް ކަމަށާއި، 2032ވަނަ އަހަރު 10ކިލޯމީޓަރު ފެތުމަށް ރާއްޖެއިން ކުއްޖަކު ކޮލިފައިވެ ފަތާތަން އެއީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.

އަދި ރާއްޖޭގައި އޯޕަން ވޯޓާރ ދިގު ފެތުން ކުރިއަރުވަން ބޭނުންވާނަމަ އެހެން ގައުމުތަކުގެ އެއްބާރުލުން އެކި ގޮތްގޮތަށް ލިބޭނެކަމަށް ޝާމީމް ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ރާއްޖޭގައި ކުރިއަރުވަންވީ ކުޅިވަރަކީ، މާގިނަ ޚަރަދުތަޖެއްވެސް ނުދާނެ، އަނެއްކޮޅުން ރާއްޖޭގައި މިއޮތް ކްލައިމެޓާވެސް އެންމެ ގުޅުންހުރި ކުޅިވަރަކީ މިއީ، މިކަން ކުޅިވަރެއްގެ ގޮތުގައި ތަރައްގީ ކުރެވިއްޖެނަމަ ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ލިބޭނެކަން ޔަގީން،" ޝަމީމް ވިދާޅުވިއެވެ.

ބ.އަތޮޅުގައި ކުރިއަށްދިޔަ ފެތުމުގެ ހަރަކާތަކީ ރާއްޖޭގެ ރެކޯޑެކެވެ. އެއީ މިހާތަނަށް ރާއްޖޭގައި ފެތި އެންމެ ދިގު ފެތުމެވެ.

ޝަމީމް ބުނީ މިފަދަ ބޮޑު އެވެންޓެއް ކުރިއަށް ގެންދިއުމުގައި ސަރުކާރާއި އެހެން ފަރާތްތަކުގެ އެއްބާރުލުން ފުރިހަމައަށް ލިބުމުން، މިކަން ރާއްޖޭގައި ކުރިއެރުވިދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ލިބިއްޖެކަމަށެވެ.