ޚަބަރު

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވާ ޤައުމަކީ އިންޑިއާ - ނަޝީދު


ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވާ ޤައުމަކީ އިންޑިއާ ކަމަށާއި އެހެން ނަމަވެސް ދުވަހަކުވެސް ރާއްޖެ އަޅުވެތި ކުރުމަށް އެ ޤައުމުން މަސައްކަތް ކޮށްފައިނުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސް އާއި ޖަވާއިރު ލާލުނެހެރޫ ޔުނިވަރސިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެޤައުމަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ނޫޅޭ ކަމަށާއި އެޤައުމުން އެގޮތަށް މަސައްކަތް ކޮށްފައި ނުވަނީ އެއީ އެމީހުންގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެރިކަން ހިންގަމުން އަންނަ ޤައުމުތަކުން އެހެން ޤައުމެއްގެ އިސްތިޤުލާލު ނަގާލުމަށް މަސައްކަތް ކުރުމަކީ އެއްވެސް ޤައުމެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައި އޮތް ޤައުމަކީ އިންޑިއާ. ނަމަވެސް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަޅުވެތި ކުރުމަށް. އިސްތިޣްލާލަށް ކުޑަވެސް އުނިކަމެއް އަންނާނެ ކަމެއް ކުރުމަށް އުޅެފައި ނުވަނީ ހަގީގަތުގައި އެބާވަތުގެ ސިޔާސަތުތަކަށް އެބޭފުޅުން މަގުފަހިކުރުން އެއީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ނެތް ކަމަކަށް ވާތީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އެގުޅުމުގެ ތެރެއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުން ބަދަހި ވުމަކީ އޭގެ ސަބަބުން ރާއްޖެއަށް ގިނަ މަންފާތަކެއް ކުރާނެ ކަމެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އައިސީސީއާރާއި ޖަވާއިރުލާލު ނެހެރޫ ޔުނިވަރސިޓީގެ ދަޢުވަތަކަށް ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ނެހެރޫ ޔުނިވަރސިޓީގައި ޑިމޮކްރަސީއާ ގުޅޭގޮތުން ތަޤްރީރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.