ކުޅިވަރު

ކްރިކެޓުގެ މެސީ ނުވަތަ ރޮނާލްޑޯއާއިއެކު މެޗެއް ކުޅުލަށް މި ލިބެނީ - ހަސަން


އަންނަ ހުކުރު ދުވަހު މާލޭގައި އިންޑިޔާގެ ލެޖެންޑުންނާއިއެކު ކްރިކެޓް މެޗެއް ކުޅެލަން ލިބުމަކީ ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ޤައުމީ ޓީމްގެ ހަސަން އިބްރާހީމް ބުނެފިއެވެ.

މިޙާއްސަ ކްރިކެޓް މެޗުގައި ކްރިކެޓްގެ ވޯލްޑް ކަޕް ކުޅެފައި ތިބި ކުޅުންތެރިން ފެނިގެންދާނެއެވެ. މި މެޗަށް އިންޑިއާއިން އަންނަނީ އެއަރ އިންޑިއާގެ ޓީމެވެ. މި ޓީމުގައި އިންޑިއާގެ އައިޕީއެލްގައި މިހާރުވެސް ކުޅެމުން އަންނަ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. އަދި ކުޅުން ހުއްޓާލާފައިވާ ކްރިކެޓްގެ ލެޖެންޑްވެސް ހިމެނެއެވެ.

މިޓީމުން އެންމެ ފާހަގަކޮށްލެވެނީ 2011ވަނަ އަހަރު އިންޑިޔާއިން ކްރިކެޓް ވޯލްޑްކަޕް އުފުލާލި ޓީމްގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ހަރްބަޖަން ސިންގް އާއި ޔުވްރާޖް ސިންގއެވެ.

ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމަމުން ހަސަން އިބްރާހީމް ބުނީ މިހާރު އެންމެ މަޝްހޫރު ލީގައަކީ އިންޑިޔާގެ އައިޕީއެލްއަށް ވާއިރު އެލީގްގައި ކުޅެފައިވާ، އަދި މިހާރުވެސް ކުޅެމުން އަންނަ ކުޅުންތެރިންގެ އިތުރުން އިންޑިޔާއާއި އެކު ކްރިކެޓްގެ ވޯލްޑްކަޕް ކާމިޔާބުކުރި ކުޅުންތެރިން އައިސް ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނާއިއެކު މެޗްއެއް ކުޅެލަން ލިބުނު ދުވަހަކުވެސް އުއްމީދު ކުރިކަމެއް ނޫންކަމަށާއި، ފުޓްބޯޅައިން ބުނާނަމަ، މިއީ މެސީ ނުވަތަ ރޮނާލްޑޯއާއިއެކު މެޗެއް ކުޅެލުންކަމަށެވެ.

މިމެޗްގެ ސަބަބުން ރާއްޖޭގެ ކްރިކެޓްއަށް ވަރަށް ގިނަ ކަންތަށްތަކެއް ހާސިލްވާނެކަމަށާއި، ހާއްސަކޮށް ކްރިކެޓް ކުޅުންތެރިންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާއިއެކު ތަމްރީން ތަކެއްވެސް ފުރިހަމަކޮށްފައިވާ ހަސަން އިބްރާހީމް ބުންޏެވެ.

"ފުޓްބޯޅައިގައި ބުނާނަމަ މިއީ މެސީ ނުވަތަ ރޮނާލްޑޯއާއިއެކު މެޗެއް ކުޅެލުން. އެހާވެސް ބޮޑު ފުރުސަތެއް މިއީ"

މިހާއްސަ މެޗުގައި މިއަންނަ ހުކުރު ދުވަހު، ހެނދުނު ކުޅުމަށް ހަމަޖެހިފައިވަނީ އެއާރ އިންޑީއާގެ ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ހިމެނިވަޑައިނަންވާ ޓީމެވެ. އަދި މެންދުރު ފަހު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ޤައުމީ ކްރިކެޓް ޓީމާއި އެއާރ އިންޑީއާގެ ޓީމެވެ.