ޚަބަރު

އެމްޑީއޭގެ ކައުންސިލުގެ މެމްބަރުންތަކެއް އިސްތިއުފާ ދެއްވައިފި


މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަތަރު މެމްބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު ކަމުން އިސްތިއުފާދެއްވީ އެޕާޓީގެ އަންހެނުންގެ މަޖިލީހުގެ ރައީސާ ނަޒީރާ އިބްރާޙިމާއި، ސްޕޯޓްސް އެމްބެސެޑަރ މުޙައްމަދު އަނީސާއި ކައުންސިލް މެމްބަރު ޢަބްދުﷲ ޒިޔާދުގެ އިތުރުން ހުރުޝީދު ތައުފީޤުއެވެ. މި ބޭފުޅުން ވަނީ ޕާޓީންވެސް ވަކިވެލައްވާފައެވެ.

އެމްޑީއޭގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަތަރު މެމްބަރަކު ކައުންސިލުންނާއި ޕާޓީގެ މެމްބަރު ކަމުން ވަކިވެ ވަޑައިގެންނެވިއިރު، އެމްޑީއޭގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރެއްވުމަށް މަސައްކަތް ކުރެއްވި، އެ ޕާޓީގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަދި ކައުންސިލް މެންބަރު އަޙްމަދު ރީހާން ވެސް ވަނީ އެޕާޓީން އިސްތިޢުފާ ދެއްވާފައެވެ.

އެމްޑީއޭގެ މަޤާމުތަކުންނާއި އެޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ޔޫތު ލީގުގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ ސިޔާސީ ގޮތުން ރައްޔިތުންނަށް ޚިދުމަށް ކޮށްދެވޭނެ އެކަށޭނަ މާހައުލެއް އެޕާޓީގައި ތަނަވަސްވެފައި ނެތުމުން ކަމަށެވެ.

އެމްޑީއޭއިން ވަނީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި އިންތިޚާބީ 8 ވާދަކުރަން ނިންމާ، އެ ދާއިރާތަކުގައި ވާދަކުރައްވާ ފަރާތްތަކަށް ޓިކެޓް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ދ. މީދޫ ދާއިރާއަށް ވާދަކުރައްވާ އެޕާޓީގެ ލީޑަރު އަޙްމަދު ޝިޔާމް މުޙައްމަދާއި ނ. ކެނދިކުޅުދޫ ދާއިރާއަށް ވާދަ ކުރައްވާ ޑެޕިއުޓީ ލީޑަރު ޢަލީ މަޢުރޫފް ހިމެނި ވަޑައިގަންނަވައެވެ.