ޚަބަރު

ސިފައިންގެ ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި


ދިވެހި އަޝްކަރިއްޔާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ސިފައިންގެ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލްގެ އިތުރުން ސަރވިސް ކޯ އާއި ކޯސްޓްގާޑުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ނޫނަސް ޖީސީއީ އޯ ލެވެލް ފެންވަރު ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއެކު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައިހުރި ދިވެހި ރައްޔިތަކަށް ވުމާއި ވޭތުވެދިޔަ 5 އަހަރުތެރޭ ކުށުގެ ރެކޯޑެއް ނެތުމާއި، ފިރިހެނުންގެ އިސްކޮޅުގައި 5 ފޫޓް 5 އިންޗި، އަންހެނުންގެ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން އަދި ފިޒިކަލް ޓެސްޓުން ފާސްވާން ޖެހެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭއިރު، ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން މިނިސްޓްރީއާއި އެމްއެންޑީއެފްގެ ހދ.ކުޅުދުއްފުށީ ޕޯސްޓާއި ޅ.ނައިފަރު ޕޯސްޓާއި ލ.ކައްދޫއާއި ދ.ކުޑަހުވަދޫ ޕޯސްޓާއި ޏ.ފުވައްމުލަކު ޕޯސްޓާއި ސ.ހިތަދޫ ފަޔަރ ސްޓޭޝަނާއި ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ފޯމް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.