ކުޅިވަރު

ކޮންމެ އަހަރަކުވެސް ކްރިކެޓު ޓީމެއް ގެންނަން މަސައްކަތްކުރައްވާނަން - ރަޢީސް ޞޯލިހު


ކޮންމެ އަހަރަކުވެސް އެކުވެރިކަމުގެ ކްރިކެޓް މެޗެއް ކުޅުމަށް މަޝްހޫރު ކުލަބެއް ނުވަތަ ގައުމެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އެއަރ އިންޑިޔާގެ ކްރިކެޓް ޓީމާއިއެކު ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. އެއަރ އިންޑިޔާގެ ޓީމްވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ ގައުމީ ކްރިކެޓް ޓީމާއިއެވެ. އަދި ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޓީމާއި ދެކޮޅަށެވެ.

ސީރީސްއެއް ގޮތަށް މިމެޗުތައް ކުޅެން ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރީގައި މިފަދަ މެޗްތަކެއް ކުޅެމުން އައިސްފައިވުމުން ކްރިކެޓަށް ގިނަ ކުރިއެރުންތައް ލިބުނުކަމަށެވެ. އަދި މިހާރު މިފެށުނު އެކުވެރިކަމުގެ ސީރީސްގެ ސަބަބުން ކްރިކެޓަށް ކުރިއަށް އޮތް ތަނުގައި ގިނަ ފައިދާތަކެއް ކުރާނެކަމަށް ގަބޫލްކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިސަރަހައްދުގައި ކްރިކެޓުގެ ގަދަ ބާރުތައް ހިމެނޭއިރު، މިގައުމްތަކާއި އޮތް ގުޅުން މިހާރަށްވުރެ ބަދަހިކޮށް ކްރިކެޓްގެ އިތުރު ފުރުސަތުތައް ހޯއްދަވާނެކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެނީ މިއީ އަދި ފެށުމެއްކަމަށް. މިއީ ނިމުމެއްނޫން. މިއަދުގެ ސަރުކާރުން ކުޅިވަރަށް ހާއްސަކޮށް ޒުވާނުންނަށް ވަރަށް އިސްކަން ދޭނަން. ހާއްސަ ކްރިކެޓް މެޗްއެއް މިކުޅެވުނީ، މިއީ އެހެން ކުޅިވަރުތަކަށްވެސް އޮތްކަމެއް، ހަމައަކަނި ކްރިކެޓްއަކަށް ނޫން. އަޅުގަނޑުމެން ބޭނުން އެހެން ކުޅިވަރުތަކަށްވެސް މިފަދަ ހާއްސަ މެޗްތަށް ކުޅެން. އަޅުގަނޑު ޒުވާނުން ކަރިއީގައި ބުނަލަން އޮތީ އެއްވެސް ތަފާތު ކުރުމެއްނެތި މިއަދުގެ ސަރުކާރުން ހުރިހާ ކުޅިވަރަކަށްވެސް އަހައްމިއްޔަތުކަން ދޭނަން. ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަށް އެބަހުރި، އަޅުގަނޑުމެން އެއްވެސް ޒުވާނަކު ބޭކާރުކޮށް ނުލާނަން." ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ބުންޏެވެ.