ޚަބަރު

ފީފާއިން ރާއްޖެ ސަސްޕެންޑެއް ނުކުރާނެ، އެފްއޭއެމުން ހަދަނީ ދޮގު - އާޒިމް


ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފައިވާކަމަށް އެފްއޭއެމުން ބުނަމުންދާއިރު، އެއީ ދޮގެއްކަމަށް ބުނެ ރާއްޖެ ސަސްޕެންޑް ނުވާނެކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ބުނެފިއެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް 19 ކުލަބްއެއްގެ ސޮއިއާއެކު އެއިދާރާގައި އެދުމުން، އެފްއޭއެމުންވަނީ ފީފާގެ ލަފައަކަށް އެދިއެވެ.
އެފްއޭއެމުން ބުނީ އެފްއޭއެމްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފައިވާކަމަށެވެ.

ފީފާއިން ބުނީ، އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާއެއް އަންނަ މާޗު މަހުގައި ބާއްވަން ޢިއުލާން ކޮށްފައި ވާތީއާއި، އަހަރީ ޢާންމު ޖަލްސާގައި މެމްބަރު ކުލަބުތަކަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބޭތީ، އޭގެކުރިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ މާނައެއް ނެތްކަމަށެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ޓުވީޓްގައި ބުނެފައިވަނީ އެފްއޭއެމުން މާގިނަ ދޮގުތަކެއް ހަދާނެކަމެއް ނެތްކަމަށާއި އެފްއޭއެމަށް ޖެހޭނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާވަންކަމަށެވެ. އަދި ފީފާއިން ރާއްޖެ ސަސްޕެންޑް ނުކުރާނެކަމަށްވެސް އާޒިމް ޓުވީޓްގައިވެއެވެ.