ޚަބަރު

ޢަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކުރެއްވުމަށް މިނިސްޓަރު މިޞްރަށް


އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޓީޗަރުން ހަމަނުވުމުގެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބެއްގެގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިޞްރުގެ ޤާހިރާއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރާއެކު އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. ޢަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ މިދަތުރުފުޅުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މީގެ އިތުރުން މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެދަރިވަރުންނަށް ބޭނުންވާ ކަންކަމުގައި ލުއިފަސޭހަ ކޮށްދެވޭ ކަންކަމާމެދު މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އަދި މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްތަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މިޞްރުގެ ބައެއް ޢިލްމުވެރިންނާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ރާއްޖޭގައި އީސްލާމްދީން ކުރިއެރުވުމާއި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް މިޞްރުން ލިބެންހުރި އެހީތެރިކަމާއި އެއްބާރުލުމަކީ ކޮބައިތޯ ބައްލަވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޢަރަބިއްޔާ ސްކޫލަށް މުދައްރިސުން ހަމަކުރުމުގައި މިއަހަރު ދިމާވެފައިވާ މައްސަލައަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މުދައްރިސުންގެ ސިލެކްޝަން ލިސްޓް ތައްޔާރުކުރުމުގައި ލަސްވުމުން ދިމާވި މައްސަލައެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ކުރިން ވިދާޅުވެފައެވެ. އަދި އެޔުނިވަރސިޓީން މިއަހަރު ފޮނުވި މުދައްރިސުންގެ ލިސުޓަށް ޢަރަބިއްޔާ ސްކޫލުން ބަދަލުތަކެއް ގެނައުމަކީވެސް މިމައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޢަރބިއްޔާ ސްކޫލަށް މުދައްރިސުން ފޯރުކޯށްދެނީ އަޒްހަރު ޔުނިވަރސިޓީން ވޮލެންޓިއަރ ކޮށްގެންކަމަށާއި މުދައްރިސުންނަށް މުސާރަވެސް ދެއްވަނީ އެ ޔުނިވަރސިޓީންކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރުވެސް ޢަރަބިއްޔާ ސްކޫލްއަށް މުދައްރިސުން ހަމަނުވުމުގެ ސަބަބުން އެސްކޫލްގެ ބެލެނިވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.