ޚަބަރު

ޖަޕާނު ސަރުކާރުން ރަތަފަންދުއަށް 2 ކްލާސްރޫމް ހަދިޔާކޮށްފި


ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެދަށުން ގދ.ރަތަފަންދޫ ސުކޫލަށް ދެ ކްލާސްރޫމް ހަދިޔާކޮށްފިއެވެ. 103 ދަރިވަރުން ކިޔަވަމުންދާ ތަރަފަންދޫ ސްކޫލުން ވިދާޅުވާގޮތުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ.

ޖަޕާން ސަރުކާރުން ހިންގާ ގްރާންޓް އެސިސްޓަންސް ފޯރ ގްރާސްރޫޓް ޕޮރޮޖެކްޓް ޖީޖީޕީގެ ދަށުން، މި ޕްރޮޖެކްޓް ހިންގާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއި ރަތަފަންދޫ ސްކޫލާއި ގުޅިގެން ސީދާ ސްކޫލްގެ ބެލުމުގެ ދަށުންނެވެ. މިގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ސްކޫލްތައް ބާރުވެރި ކުރުމުގެ ވަޢުދުގެ ދަށުންކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. މިގޮތުން ކޮންޓްރެކްޓަރަކު ހޯދުމާއި މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން ފަދަ ކަންކަން ކުރާނީ ވެސް އެސްކޫލުންނެވެ. މިޕްރޮޖެޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަޢުރަކީ ސްކޫލަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް މިނިސްޓްރީއިން ބުނެއެވެ.

ކްލާސްރޫމް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ޖަޕާން އެންބަސީގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރް ކެއިކޯ ޔަނާއިއެވެ. ރަތަފަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަބްދުﷲ އެވެ.

މި ޕްރޮޖެކްޓާއިއެކު ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާ އިތުރު ވަޞީލަތްތައްވެސް ޤާއިމުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. މީގެތެރޭގައި ސްކޫލްގައި ސައިންސް ރޫމެއްގެ ޚިދުމަތާއި އޯޑިއޯވިޝުއަލް ރޫމެއްގެ ޚިދުމަތް ދަރިވަރުންނަށް ލިބިގެންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

2 ކްލާސްރޫމް އެޅުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ އަށްޑިހަ އެހާސް ހަތްސަތޭކަ ހަތްދިހަ ފަސް ޑޮލަރެވެ. މިޕްރޮޖެޓް ނިންމުމަށް ހަމަޖެހިފައިވަނީ ކޮޓްރެކްޓާރާއި މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައެވެ.