ވިޔަފާރި

އެމެރިކާއާއެކު ރާއްޖެއިން ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ


ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ދެޤައުމުން މަޝްވަރާކޮށްފިއެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅެގޮތުން މަޝްވަރާކޮށްފައި މިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޓްރޭޑް ޕޮލިސީ އެންޑް އިކޮނޮމިކްސްގެ އެސިސްޓެންޓް ޓްރޭޑް ރެޕްރެސެންޓޭޓިވް އެޑް ގްރެސާއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން އެމެރިކާ އާއިއެކު ކުރާ ވިޔަފާރީގެ މަސައްކަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންނާއި ރާއްޖެއިން ބާނާ މަހުގެ ބާވަތްތައް އެމެރިކާގައި ވިއްކުމާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދުވަނީ އެމެރިކާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންނެވި އިރު، މި ދަތުރުގެ ތެރެއިން އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން ޔޫއެސް އެއިޑުން ރާއްޖެ އަށް ދޭން ނިންމާފައިވާ އެހީގެ އެއްބަސްވުމެއްގައި ދެޤައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ފޮރިން މިނިސްޓަރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.