ޚަބަރު

ކެރަމް އެސޯސިއޭޝަންގެ ރަޢީސަކަށް އިބްރާހިމް ޖިހާދު އިންތިހާބް ވެއްޖެ


ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް އިބްރާހީމް ޖިހާދު ހޮވިއްޖެއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ރޭ ބޭއްވި އިންތިހާބްގައި ޖިހާދު އާއި ވާދަކޮށްފައިވަނީ އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސް މުހައްމަދު ނަދީމްއާއި އަލީ ސުޖާޢުއެވެ. ރޭގެ އިންތިޙާބްގައި ވޯޓް ލުމުގެ ޝަރުތުހަމަވާ 30 މެންބަރުން ތިބިނަމަވެސް ވޯޓްގައި ބައިވެރިވެފައިވަނީ 28 މެންބަރުންނެވެ.

ރައީސްކަމަށް ހޮވުނު ޖިހާދުއަށް 15 ވޯޓް ލިބިފައިވާއިރު، އެންމެ ފަހުގެ އެސޯސިއޭޝަންގެ ރައީސް ނަދީމްއަށް 11 ވޯޓް ލިބިފައިވެއެވެ. އަދި އަލީ ސުޖާޢުއަށް ލިބިފައިވަނީ އެއް ވޯޓެވެ.

ވައިސް ޗެއަރޕާރސަންއަކަށް ހޮވިފައިވަނީ އިބްރާހީމް ލިފާޢު އާމިރެވެ. މިމަގާމްއަށް ތިން ފަރާތަކުންވަނީ ކުރިމަތިލާފައެވެ. ލިފާޢު އާމިރުއަށް 17 ވޯޓް ލިބިފައިވާއިރު އަލީ މާހިރުއަށް ލިބިފައިވަނީ 11 ވޯޓެވެ. އަދި އާދަމް އިބްރާހިމްއަށް ވޯޓް އެއް ލިބިފައެއް ނުވެއެވެ.

ޓްރެޝަރަރގެ މަގާމްއަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެހެންކަމުން ޓްރެޝަރަރގެ މަގާމްއަށް ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. ހަސަން ނާޒިމް ޓްރެޝަރަރގެ މަގާމްއަށް ހޮވުމަށް 26 ވޯޓް ލިބިފައިވާއިރު ނުފެންނަކަމަށް ލިބިފައިވަނީ 2 ވޯޓެވެ.

ހިންގާ ކޮމެޓީއަށް އާންމު މެންބަރުގެ ތެރެއިން 3 މެންބަރަކު ހޮވުމަށް ހަމަޖެހިފައިވާއިރު، އާންމު މެންބަރުގެ މަގާމްއަށް 6 ފަރާތަކުންވަނީ ކުރިމަތިލާފައެވެ. އިސްމާޢީލް ސުޖާޢު 10 ވޯޓް، އިބްރާހީމް ނާޒިމް 11 ވޯޓް، އާމިނަތު ޒީޝާން އަލީ 12 ވޯޓް، އަހުމަދު އާޒިމް 16 ވޯޓް، އަހުމަދު ހާމިދު 16 ވޯޓް އަދި ހުސެއިން މާޒިންއަށް 15 ވޯޓް ލިބިފައިވެއެވެ. ހިންގާ ކޮމެޓީއަށް އާންމު މެންބަރުގެ ތެރެއިން ހޮވިފައިވަނީ އަހުމަދު އާޒިމް އާއި އަހުމަދު ހަމީދު އަދި ހުސެއިން މާޒިންނެވެ.

މިއިންތިހާބްގެ ކަންތަށްތަށް ކުރިއަށް ގެންގޮސްފައިވަނީ އަލީ ސަލީމް، މުހައްމަދު އަނީލް ޢަބްދުއް ލަތީފް އަދި އަޙުމަދު އަބީރު އިސްމާއީލެވެ.