ލެއޫރެއަސް ފުޓްބޯލް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާއަށް ހައްގު ކަމަށް ޔުނައިޓެޑުގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ އޭނާ ޗެލްސީގެ ކޯޗުކަށް ހުރިއިރުވެސް ވެންގާއަކީ އޭނާއަށް އެންމެ ވާދަވެރި އެއް ކޯޗުކަމަށެވެ. އަދި ވާދަވެރިކަމާއި އެކުގައިވެސް ވެންގާއަކީ ފުޓުބޯޅައިގެ ކަންކަމުގައި ހިޔާލުފާޅުކޮށް އެއްމޭޒެއްގެ ދަށަށް އާދެވޭ ވަރުގެ ކޯޗެއް ކަމަށް އޭނާ ބުންޏެވެ.
މޮރީނިއޯ ބުނީ، ވެންގާ އާސެނަލް ދޫކޮށްލިއިރު އެކުލަބުގެ ބައެއް ސަޕޯޓާރުން އޭނާއަށް އަމާޒުކޮށް ފާޑުކީ ކަމަށާއި، ނަމަވެސް އާސެނަލްއަށް އޭނާ ގިނަގުނަ ކާމިޔާބީތަށް ހޯދައިދީފައި ވުމުން އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. އަދި ވެންގާއަކީ ސާރ އެލެކްސް ފާގަސަން ފަދަ އިހުތިރާމް ލިބިފައިވާ ކޯޗެއް ކަމަށް އޭނާބުންޏެވެ.
މޮރީނިއޯ ބުނީ، އޭނާ އަދިވެސް ވެންގާ ކޮންމެވެސް ކުލަބަކަށް އިރުޝާދުދޭތަން ދެކެން ބޭނުންވާ ކަމަށާއި، އެންމީދަކީ ވީހާވެސް އަވަހަށް އަނެއްކާވެސް ވެންގާ ފުޓުބޯޅާގައި އަމަލީގޮތުން ހަރަކާތްތެރިވާތަން ފެނުން ކަމަށެވެ.
އާސެނަލްއަށް ބާވީސް އަހަރު ކޯޗުކަން ކޮށްދިނުމަށްފަހު ވެންގާ އެކުލަބު ދޫކޮށްލާފައިވަނީ ފާއިތުވި ސީޒަނުގައެވެ.