ވިޔަފާރި

މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފި


މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން މަންތާ އެއަރގެ ޗީފް މާރކެޓިންގ އޮފިސަރ އަހުމަދު މަޢުމޫން ވިދާޅުވީ، ރަސްމީކޮށް މިއަދު ފެށި މަންތާ އެއަރގެ ދަތުރުތައް ކުރުމަށް އަދި ހަމަޖެހިފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓުން ދ.ކުޑަހުވަދޫ އެއާޕޯރޓަށް ކަމަށެވެ. ކޮންމެ ދުވަހަކުވެސް މަންތާ އެއާރގެ 4 ފްލައިޓް އޮންނާނެ ކަމަށާއި ކައިރި މުސްތަޤްބަލެއްގައި ދަރަވަންދޫ އަދި ތިމަރަފުށީ އެއާރޕޯރޓަށް މަންތާގެ ދަތުރުތައް ފަށާނޭކަމަށް އޭނާ ވިދާޅުވިއެވެ.

މަންތާ އެއާރގެ ދަތުރުތަކުގައި ބޭނުންކުރަނީ އޭޓީއާރު 72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ބޯޓެކެވެ.
މަންތާގެ ދަތުރުތައް ފެށުމާއި ގުޅިގެން އެ އެއަރލައިނުގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ، އެ އެއަރލައިނުގެ ދަތުރުތައް މިހާރު ހަމައެކަނި ކުޑަހުވަދުއަށް ފެށިނަމަވެސް އަވަސް މުސްތަޤްބަލެއްގައި މަންތާގެ ދަތުރުތައް ފުޅާކުރާނޭކަމަށެވެ.

މަންތާ އެއަރއިން ބުނީ އެ އެއަރލައިނުގެ ކުރިއަށްއޮތް 6 މަސްދުވަހުގެ ޝެޑިއުލް ވެބްސައިޓް މެދުވެރިކޮށް ފެންނާނޭކަމަށެވެ. އަދި މަންތާ އެއަރގެ ވެބްސައިޓް މެދުވެރިކޮށް ރިޒަވޭޝަން ހެދޭނޭކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.
މަންތާގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން އެ އެއަރލައިނުން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަން މެއިމަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށް އެ އެއާރލައިނުން ބުނެއެވެ.
މަންތާ އެއާރލައިނަކީ ރާއްޖޭގައި ވައިގެ އުދުހުންތައް ފެށި ހަތަރުވަނަ އެއާރލައިނެވެ.